ދަނޑުވެރިކަމާއި ގަސްގަހާގެހި ހެއްދުމުގައި ޞިއްޙީގޮތުން ރައްކާތެރި އުޞޫލުތައް އިސްކުރުމަށާއި، ކޮންމެ ދިވެހި ރައްޔިތަކީ ވެސް ގަސް އިންދައި ބެލެހެއްޓުމަށް ލޯބިކުރާ މީހަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ފަސްޓްލޭޑީ މިކަމަށް އިލްތިމާސްކުރެއްވީ، މިއަދު ފާހަގަކުރަމުންދާ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ޙިއްޞާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މި ޒަމާނުގެ ދަނޑުވެރިކަމަކީ ކުދި ޖާގަތަކުގައި ބޮޑު މަންފާއެއް ލިބޭނެހެން ކުރިއެރުވޭނެ މަސައްކަތެއް. ކޮންމެ ގެއަކާއި ގޯއްޗެއްތެރޭވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، ފެހިކަން އިތުރުވެ، ވައި ސާފުވެ، ރަނގަޅު ކާނާ ހޯދުމަށް ފަހި ކުރެވިދާނެ… pic.twitter.com/i747ttaXcv
— First Lady Sajidha Mohamed (@sajidhaamohamed) October 15, 2026
މި މުނާސަބަތާ ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވަމުން އެކަމަނާ ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއެކު ދަނޑުވެރިކަމުގެ ވައްޓަފާޅިއަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން، މިހާރު ތަޢާރަފުވެފައިވާ އައު އުކުޅުތަކުގެ އެހީގައި، ތަންކޮޅު ކުޑަ ނަމަވެސް އެކަށީގެންވާ ބޮޑު ނަފާއެއް ހޯދޭނެ ގޮތަށް ދަނޑުވެރިކަން ފުޅާކުރެވިދާނެކަން އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.