ޚަބަރު

800 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއެކު ހައްޔަރުކުރި ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

800 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއެކު ހައްޔަރުކުރި ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ބަންގްލަދޭޝްގެ ތިން މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހެންވޭރު ގެއެއް ބަލައިފާސްކޮށް ހިންގި މި ޚާއްޞަ އޮޕަރޭޝަނުގައި ޖުމްލަ 826 ފުޅި ބަނގުރާ ވަނީ އަތުލައިގެންފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަލް އަމީން (34އ)، ޕޮލިން (43އ) އަދި އެމް.ޑީ. ރަކިބް ހޮސެން (25އ) އެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އަލް އަމީން އަދި ޕޮލިންގެ ބަންދަށް 5 ދުވަސް ވަނީ ދީފައެވެ. އަދި އެމް.ޑީ. ރަކިބް ހޮސެންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ކަނޑައަޅާފައެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އަލް އަމީންގެ ބަންދަށް 5 ދުވަސް ދީފައިވަނީ، އޭނާގެ ގާނޫނީ ވަކީލާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށް ވަކީލު ފާހަގަކުރެއްވުމާ ގުޅިގެންނެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނުގައި އަތުލައިގަތް ބަނގުރާ ފުޅިތައް ފެނިފައިވަނީ އެ ގޭގެ ސްޓޯރޫމެއްގެ ތެރޭގައި ހާމައަށް ބަހައްޓާފައި ހުއްޓައެވެ. މީގެއިތުރުން ބައެއް ފުޅިތައް ހުރީ އެކި ބްރޭންޑްތަކުގެ ނަންތައް ލިޔެފައިވާ ފޮށިގަނޑުތަކުގައި ބަންދުކޮށްފައެވެ.
މި އޮޕަރޭޝަނަކީ ވެރިރަށް މާލޭގައި ޤަވާޢިދާ ޚިލާފަށް ބަނގުރާ އެތެރެކޮށް، އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ނެޓްވޯކެއް ހުއްޓުވުމަށް ހިންގުނު ކާމިޔާބު އޮޕަރޭޝަނެއް ކަމަށާއި، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާ ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ދަނީ ޚާއްޞަ ހަރަކާތްތަކެއް ހިންގަމުންނެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top