ޚަބަރު

އާރަށު މައްސަލަ: ރައީސް ޔާމީންގެ ދިފާޢީ ހެކިންނާއި، ދައުލަތުން ހުށަހެޅި އަދީބާއި ޒިޔަތު ހެކީންގެ ގޮތުގައި ބަލައިގަތުމަށް ކޯޓުން ނިންމައިފި

އާރަށު މައްސަލަ: ރައީސް ޔާމީންގެ ދިފާޢީ ހެކިންނާއި، ދައުލަތުން ހުށަހެޅި އަދީބާއި ޒިޔަތު ހެކީންގެ ގޮތުގައި ބަލައިގަތުމަށް ކޯޓުން ނިންމައިފި

ވ. އާރަށު ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިނގަމުންދާ ޝަރީޢަތުގައި، ދައުލަތުން އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމް.އެމް.ޕީ.އާރު.ސީ.ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު، ހެކިންގެ ގޮތުގައި ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދަޢުވާ އުފުލާފައިވަނީ، ވ. އާރަށް ދޫކުރުމުގެ މުޢާމަލާތުން އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަރ ކުރެއްވިކަމުގެ ތުހުމަތުގައެވެ.
މި މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށަހެޅުނު ކަންކަމާމެދު ގޮތް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ޤާޟީ ނިންމެވީ، ރައީސް ޔާމީންގެ ދިފާޢީ ފަރާތުން ހުށަހެޅުއްވި ހެކިތައް ބަލައިގަތުމަށެވެ. އެ ހެކިތައް ބަލައިނުގަތުމަށް ދައުލަތުން އެދުނު ނަމަވެސް، ޤާޟީ ފާހަގަކުރެއްވީ އެ ހެކިންގެ ހެކިބަސް ނެގުމަށްފަހު، ޝަރީޢަތުން ގޮތް ކަނޑައަޅާއިރު ހެކިބަހުގެ ބުރަދަނާމެދު ނިންމުންތައް ނިންމިދާނެ ކަމަށެވެ.
އެ މައްސަލައިގައި ރައީސް ޔާމީންގެ ދިފާޢީ ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި މިހާރުގެ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނަރީޝް، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)، ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި އަބްދުﷲ ރަޝީދު ހިމެނެއެވެ.
ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރޭގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމް.އެމް.ޕީ.އާރު.ސީ.ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް އެދުން ހިމެނުނެވެ.
ނަމަވެސް، މިކަމާ ގުޅިގެން މިއަދު ޤާޟީ ނިންމެވީ، މައްސަލައާ ގުޅުންހުރި ކަންކަމާ ބެހޭ ގޮތުން ފުދޭވަރަކަށް ހެކިބަސް ދޭން ތިބީ އެ ދެ ފަރާތް ކަމަށް ވާތީ އަދި ހެކިބަހާ ބެހޭ ޤާނޫނުން އެ ފަރާތްތައް ހެކީންގެ ގޮތުގައި ބަލައިގަތުމުގެ ފުރުސަތު ލިބިދޭތީ އެ ދެ މީހުން ހެކީންގެ ގޮތުގައި ބަލައިގަތުމަށެވެ.
ދައުލަތުން ހުށަހެޅި އިތުރު ހެކީންވެސް ބަލައިގެންފައިވާއިރު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށްވެސް މިއަދު ނިންމާފައިވެއެވެ.
އާރަށު މައްސަލައިގެ ދަޢުވާތަކުގެ ދިފާޢުގައި ރައީސް ޔާމީން ސާބިތުކުރައްވަން މަސައްކަތްކުރައްވަނީ، އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ސައްހަ ޑޮލަރު ބަދަލުކުރުމުގެ މުޢާމަލާތަކުން ލިބުނު ފައިސާ ކަމެވެ. އެ ފައިސާގެ ބަދަލުގައި އެއާ އެއްވަރުގެ ދިވެހި ރުފިޔާ، މި މައްސަލައިގައި ދެން ދަޢުވާ އުފުލާފައިވާ ޔޫސުފް ނައީމަށް ހަވާލުކުރީ ނަޤުދު ފައިސާއިން ކަމަށާއި، އެ ފައިސާ ގުނުމަށްފަހު ގެންދިޔައީ ނަރީޝް ކަމަށް މީގެ ކުރިންވެސް ޔާމީންގެ ފަރާތުން ބުނެފައިވެއެވެ.
ވ. އާރަށް ދޫކުރުމުގެ މުޢާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނެންގެވިކަން ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން އެންގީ ހައިކޯޓުންނެވެ. ދައުލަތުން އެ މައްސަލައިގައި ދަށު ކޯޓުގައި ހުށަހެޅި އާ ހެކިތައް ބަލައިގަތީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމި އިރު، އެ ހެކިތައް ބަލައިގަތުމާ ގުޅޭ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުންވެސް ނިންމާފައިވަނީ ހައިކޯޓުގެ ނިންމުން ދެމެހެއްޓުމަށެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top