ޚަބަރު

ޙައްޖަށް ދިއުމަށް 3 އަހަރު ފުރިހަމަވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ފަރާތްތަކަށް 1448 ވަނަ އަހަރު ފުރުސަތު ދިނުމަށް ނިންމައިފި

ޙައްޖަށް ދިއުމަށް 3 އަހަރު ފުރިހަމަވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ފަރާތްތަކަށް 1448 ވަނަ އަހަރު ފުރުސަތު ދިނުމަށް ނިންމައިފި

ސަރުކާރުން ވަނީ، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ހައްޖު ކިއުގައި ޖާގަލިބުނުތާ 3 އަހަރު ފުރިހަމަވެފައިވާ، އަދި ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ހައްޖުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ.
މި ނިންމުން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ހައްޖުގެ ކޯޓާގެ އަދަދަށް ބަލާއިރު، ހައްޖު ކިއުގައި ދޮށީ ޢުމުރުގެ ގިނަ ބޭފުޅުން ތިއްބެވުމާއި، ހައްޖަށް ދިއުމަށް ފައިސާ ދައްކައި، ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި، ހައްޖުވުމުގެ ފުރުސަތު ގެއްލިދާނެކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާތީއެވެ. މިކަމުގެ މަޤްޞަދަކީ ވީހާވެސް ގިނަ ދޮށީ ޢުމުރުގެ ބޭފުޅުންނަށް ފަރުޟު ހައްޖު އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި ނިންމުމާ ގުޅޭ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި އުސޫލު ތަންފީޒުކުރާނީ، ޢުމުރާއި ކިއޫއިން ޖާގަލިބުނު ތާރީޚަށް ބަލައިގެން، އެންމެންނަށް ހަމަހަމަ އުސޫލަކުން، އެއްވެސް ތަފާތުކުރުމެއްނެތި، ޢަދުލުވެރިކަމާއެކު ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި، މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފި، ދުވަސްވީ ބޭފުޅުންނަށް ވީހާވެސް އަވަހަށް ފުރުސަތު ލިބި، ޙައްޖު ކިއުގައި ތިއްބެވި ޢުމުރުން ދުވަސްވީ ބޭފުޅުންގެ އަދަދު މަދުވެގެންދާނެއެވެ. މިއާއެކު، ކުރިއަށް އޮތްތަނުގައި ހައްޖު ކިއުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން ޢުމުރުފުރާތަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު ބޮޑުވާނެކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ފާހަގަކުރައްވައެވެ.
މި އުސޫލުގެ ދަށުން ހައްޖު ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، 31 ޑިސެންބަރު 2023 ގެ ނިޔަލަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ ޢުމުރުފުރާ ކަމުގައި ބަލާނީ، 31 ޑިސެންބަރު 2026 ގެ ނިޔަލަށް ޢުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކެވެ.
މި އުސޫލުގެ ދަށުން ޢުމުރުން 70 އަހަރުން މަތީގެ 324 ބޭފުޅުންނަށް 1448 ވަނަ އަހަރުގެ ހައްޖުން ފުރުސަތު ލިބޭނެއެވެ. މީގެ ތެރޭގައި ޢުމުރުން 75 އަހަރުން މަތީގެ 86 ބޭފުޅުން ހިމެނެއެވެ.
މި އުސޫލު ތަންފީޒުކުރުމާއެކު، 1448 ވަނަ އަހަރު ހައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް މިހާރު އަންދާޒާކޮށްފައިވާ ފުރުސަތަށް ލަސްވުމެއް ނާންނާނެގޮތަށް، 65 އަހަރުން މަތީގެ ފަރާތްތަކަށް ވެސް މި އަހަރުގެ ކިއޫގައި އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި އުސޫލު ތަންފީޒުކުރި ނަމަވެސް، 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 އަހަރުގެ ބޭފުޅުންނަށް ހައްޖަށް ދިއުމުގައި ލަސްވުމެއް ކުރިމައްޗެއް ނުވާނެއެވެ.
މީގެ އިތުރުން، އެފަދަ ފަރާތްތަކުން އެކުގައި ދިއުމަށް ފައިސާ ދައްކާފައިވާ އަދި 1448 ވަނަ އަހަރު ހައްޖުވެވޭނެކަމަށް އަންދާޒާކޮށްފައިވާ އާއިލީ މީހުންގެ ތެރެއިން ހައްޖު ކިއުގައި ތިއްބެވި އާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމަށް ފުރުސަތު ނުގެއްލޭނެހެން އިސްކަންދޭނެކަން ވެސް ފިރްޒުލް ފާހަގަކުރެއްވިއެވެ.
މި އުސޫލުތަކުގެ ދަށުން ފުރުސަތު ދެވޭ ހުރިހާ ފަރާތްތަކަކީ ވެސް، މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ހައްޖު އަދާކުރުމަށް ދާ މީހުންނަށް ވާންޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
ކިއޫގައި ތިއްބެވި 65 އަހަރުން ދަށުގެ ބައެއް ބޭފުޅުންނަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް މެދުވެރިވިނަމަވެސް، މިއީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ ޢުމުރުގެ އެތައް ރައްޔިތުންނަށް އުފާވެރި ޙަބަރެކެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top