ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުދުންތެރި ދިރިއުޅުމެއް ލިބި، މުޖުތަމަޢުގައި ބާރުވެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް 416 ފަރާތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވިފައިވާ ކަމަށް ސިއްހަތާއި، އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތް އެއްވެސް ޙާލަތެއްގައި މަޑުޖައްސާލާނެ ކަމެއް ނޫނެވެ.
މިކަން ވަޒީރު ޤީލާ ހާމަކުރެއްވީ” އަހާ “ފޯރަމްގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ޤީލާ ވިދާޅުވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ އެހެން މީހުންނެކޭ އެއްގޮތަށް އަމިއްލައަށް ދިރިއުޅުމުގެ ކުޅަދާނަކަން ހުރި ބައެއްކަން ކަށަވަރުކުރުމަށް، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ. މި ސަރުކާރުން މި މަސައްކަތް ފަށާފައިވަނީ ހަމައެކަނި ވަޒީފާއެއް ދިނުމުގެ ބަދަލުގައި، އެ ފަރާތްތަކަކީ މަސައްކަތުގެ މާޙައުލުގައި ބަލައިގަންނަ، ބޭނުންތެރި ބައެއްގެ ގޮތުގައި ބިނާކުރުމުގެ ދުރުވިސްނުމުގައި ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ވަޒީފާތައް ދިނުމުގެ ކުރިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރެވޭނެ އަދި ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ފަންކްޝަނަލް އެސެސްމެންޓުތަކެއް ހަދައި، އެ ފަރާތްތަކަށް އަދާކުރެވޭނެ ވަޒީފާގެ ފުރުޞަތުތަކަކީ ކޮބައިތޯ ބެލިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، މަސައްކަތުގެ މާޙައުލު އެ ފަރާތްތަކަށް ތައްޔާރުކުރުމާއި، އެ ފަރާތްތަކާއެކު މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމުތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޚާއްޞަ މަސައްކަތް އިޢުލާނުކުރެއްވުމާއެކު، އެ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 416 ފަރާތަކަށް ވަނީ ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވިފައެވެ. މިއީ އެ ފަރާތްތަކާއި އެ ޢާއިލާތަކަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ތަސައްލީއެކެވެ. އާންމުކޮށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެވެމުންދަނީ ސަރުކާރުގެ ކުންފުނިތަކުންނާއި، ދައުލަތުގެ އިދާރާތަކުންނެވެ.
ނަމަވެސް، ކުންފުނިތައް ރައިޓް ސައިޒްކުރުމާއި، ކުންފުނިތަކަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ސަބަބުން، މި މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވާ ކަމަށް ވަޒީރު ޤީލާ ފާހަގަކުރެއްވިއެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، މިއަހަރު މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރަން ބޭނުންވާ 60 ފަރާތަކަށް ވަޒީފާ ހަމަޖައްސާދެވިފައިވާއިރު، މިހާރު ސިވިލް ސާވިސް ކޮމިޝަނާއި ކުންފުނިތަކާ ގުޅިގެން ހުރި ފުރުޞަތުތައް ދިރާސާކޮށް، އެ ފަރާތްތަކަށް ވަޒީފާ ހޯދޭނެ މަގުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މި މަޝްވަރާތައް ކާމިޔާބުވާނެ ކަމަށާއި، ކުންފުނިތަކުން ވެސް މި ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭނެ ކަމުގެ އުންމީދީ ސިގްނަލްތައް މިހާރު ލިބެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.