އަންހެންކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި އެ ކުދިންގެ އަމިއްލަ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލެއް ނޫން ކަމަށާއި، އެއީ މުޅި ޤައުމުގެ މުސްތަޤުބަލު އާރާސްތުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި” އެކްސް “މެދުވެރިކުރައްވައި ޙިއްޞާކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެންކުދިންގެ ހިތްވަރާއި، އުންމީދުތަކުގެ އިތުރުން އެ ކުދިންގެ ކިބައިގައިވާ ނުގުޑާފަދަ ޤާބިލުކަން ބަލައިގަނެ، އެކަން ފާހަގަކުރުމެވެ. ހަމައެއާއެކު، އަންހެންކުދިންނަކީ މުޖުތަމަޢަށް ހެޔޮ ބަދަލުތައް ގެނެސްދީ، އައު އީޖާދުތައް އުފައްދާ އަދި މުސްތަޤުބަލުގައި ޤައުމު އިސްނަގައި ބަލަހައްޓާނެ ޤާބިލު ލީޑަރުން ކަމުގައިވެސް އެކަމަނާ ސިފަކުރެއްވިއެވެ.
މީގެއިތުރުން، އަންހެންކުދިންގެ އަޑާއި، ހުނަރުވެރިކަމާއި، އަދި އިސްނެގުމުގެ ސަބަބުން، ހަރުދަނާ އަދި ކޮޅިގަނޑުތަކަށް ނުގުޑާނެފަދަ ބަދަހި މުޖުތަމަޢުތަކެއް ބިނާކުރުމަށް މަގުފަހިވެގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޤައުމީ ތަރައްޤީގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ތަޢުލީމީ ދާއިރާއާއި، ދައުލަތުގެ ޚިދުމަތްތަކާއި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ އިތުރުން، ކުޅިވަރާއި އިޖުތިމާޢީ އެކި ޙަރަކާތްތަކުގައި ދިވެހި އަންހެންކުދިންނާއި ޒުވާން އަންހެނުން ފާހަގަކޮށްލެވޭ ފަދަ މަތީ ކާމިޔާބީތަކެއް ޙާޞިލުކުރަމުންދާ ކަމަށެވެ.
އަދި އަންހެންކުދިން ފޯރުކޮށްދޭ އަގުހުރި ޚިދުމަތްތަކާއި ހޯދަމުންދާ ރަންވަނަތަކަކީ، ދެމެހެއްޓެނިވި ގޮތެއްގައި ޤައުމު ބިނާކުރުމަށްޓަކައި އެޅޭ އެންމެ ވަރުގަދަ ބިންގާ ކަމުގައިވެސް މެޑަމް ސާޖިދާގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.