ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ހުޅުމާލޭ ސިންތެޓިކް ޓްރެކް، ޕީޔޫ (ޕޮލިއުރެތިން) ޓްރެކަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ހުޅުމާލޭގެ ސިންތެޓިކް ޓްރެކް، ވޯލްޑް އެތުލެޓިކްސްގެ މިންގަނޑުތަކަށް ފެތޭގޮތަށް ތަރައްޤީކުރުމުގެ މަސައްކަތް މި އޮކްޓޫބަރު މަހު ފައްޓަވާނެކަން، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އިޢުލާނުކުރެއްވީ، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ” އަހާ “ފޯރަމުގައެވެ.
ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި މި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި މިހާރު ބޭނުންކުރަމުންދާ ޓްރެކަކީ ބައިނަލްއަޤުވާމީ ފެންވަރަށް ފެތޭ ތަނަކަށް ނުވާތީ، އެތުލީޓުން ޤާއިމުކުރާ ރެކޯޑުތައް ރަސްމީކޮށް ބަލައިގަތުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެގޮތުން ވޯލްޑް އެތުލެޓިކްސްގެ ޤަވާޢިދުތައް ހަމަޖެހިފައިވާ ގޮތުން، ރެކޯޑުތައް ބަލައިގަންނަނީ އެ އިދާރާގެ ހުއްދައާއި މިންގަނޑުތަކަށް ފެތޭ ޓްރެކްތަކުގައި ހަދާ ނަތީޖާތަކަށް އެކަނި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ރާފިޢު އިތުރަށް ވިދާޅުވީ، މި މަހު ޢަމަލީ މަސައްކަތް ފެށި ނަމަވެސް، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ޓްރެކްގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުން ކަމަށެވެ.
މީގެއިތުރުން، ޓްރެކް ތަރައްޤީކުރުމަށް ބޭނުންވާ އެންމެހައި ތަކެތި ހޯދުމަށް މިހާރު އޯޑަރު ދެވިފައިވާ ކަމަށާއި، މި މަޝްރޫޢާ ގުޅޭ ތަފްޞީލީ ކުރެހުންތަކުގެ މަސައްކަތް ވެސް މިހާރު އެއްކޮށް ފުރިހަމަކޮށް ނިމިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.