މިއަދު އާންމުކުރި ފީފާ ވޯލްޑް ރޭންކިންއަށް ބަލާއިރު، ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން ކުރިއެރުމެއް ހޯދި ހަމައެކަނި ޤައުމަކީ ޕޯޗުގަލްއެވެ. އެ ޤައުމު ވަނީ ދެ ދަރަޖައިގެ ކުރިއެރުމަކާއެކު ރޭންކިންގެ ފަސްވަނަ މަޤާމަށް ޖެހިލައިފައެވެ.
ގަދަ ދިހައެއްގެ ތެރެއިން ދެން ބަދަލެއް އައީ ބްރެޒިލާއި މޮރޮކޯގެ ރޭންކިންއަށެވެ. ބައިނަލްއަޤްވާމީ މެޗުތަކުގެ ވިންޑޯގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކުން އެއްވަރުވުމާ ގުޅިގެން، މި ދެ ޤައުމުވެސް ވަނީ އެއް ދަރަޖަ ފަހަތަށް ވެއްޓިފައެވެ. މިއާ ޚިލާފަށް، ޔުއެފާ ނޭޝަންސް ލީގުގައި ކުޅުނު ހަތަރު މެޗުންވެސް ޕޯޗުގަލް ވަނީ މޮޅުވެފައެވެ. އެގޮތުން ނޯވޭއާ ދެކޮޅަށް ކުޅުނު ދެ މެޗުގެ އިތުރުން، ވޭލްސް އަދި ޑެންމާކް އަތުންވެސް އެ ޓީމު ވަނީ ފުރިހަމަ މޮޅެއް ހޯދައިފައެވެ.
އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން އަދިވެސް އޮތީ ބޮޑު ތަފާތަކާއެކު ރޭންކިންގެ އެއްވަނައިގައެވެ. ނޭޝަންސް ލީގުގެ ފުރަތަމަ ހަތަރު މެޗުންވެސް މޮޅުވި ސްޕެއިން ވަނީ އިންގްލެންޑް އަތުން 3-2 އިން މޮޅުވުމުގެ އިތުރުން، ކްރޮއޭޝިއާ އަތުން ދެ ފަހަރު އަދި ޗެކިއާ އަތުންވެސް މޮޅުވެފައެވެ.
ޤައުމީ ޓީމަށް ލިއޮނެލް މެސީ ކުޅެދިން ފަހު މެޗުގައި ބެނިން އަތުން 3-0 އިން މޮޅުވެ، އާޖެންޓީނާ ވަނީ ރޭންކިންގެ ދެވަނަ މަޤާމު ދަމަހައްޓައިފައެވެ. ރޭންކިންގެ ގަދަ ހަތަރެއްގެ ބާކީ މަޤާމުތަކުގައި ފްރާންސާއި އިންގްލެންޑް ހިމެނޭއިރު، ގަދަ ދިހައެއް ފުރިހަމަކުރަނީ ބެލްޖިއަމް، ނެދަލެންޑްސް އަދި މެކްސިކޯއެވެ.
ބައިނަލްއަޤްވާމީ ބްރޭކުގައި އެމެރިކާއިން ކުޅުނު ހަތަރު މެޗުންވެސް މޮޅުވި ނަމަވެސް، އެ ޓީމު އަދިވެސް އޮތީ ކުރިންވެސް އޮތް 16 ވަނަ މަޤާމުގައެވެ. އެމެރިކާއިން ވަނީ ޕެރޫ (4-1)، ޗިލީ (4-2)، މެކްސިކޯ (3-0) އަދި ކެނެޑާ (1-0) ގެ މައްޗަށް ކުރިހޯދައިފައެވެ.
މި ފަހަރުގެ ރޭންކިންގައި އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދީ ރުވާންޑާއެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ގައި އެފްރިކާ ކަޕް އޮފް ނޭޝަންސް ކޮލިފައިންގައި ކޭޕް ވާޑޭ އަތުން 2-1 އިން މޮޅުވެ، އެ ޤައުމު ވަނީ ނުވަ ދަރަޖައިގެ ކުރިއެރުމަކާއެކު 119 ވަނައަށް ޖެހިލައިފައެވެ.
މި ފަހަރު އެންމެ ބޮޑު ދަށިއެޅުމަކާ ކުރިމަތިލާން ޖެހުނީ ސިއެރަ ލިއޯންއަށެވެ. އެފްރިކާ ކަޕް އޮފް ނޭޝަންސް ކޮލިފައިންގައި ކުޅުނު ދެ މެޗުންވެސް ބަލިވުމާ ގުޅިގެން، އެ ޤައުމު ވަނީ އަށް ދަރަޖަ ފަހަތަށް ސޮއްސާލައި، ރޭންކިންގެ 130 ވަނައަށް ވެއްޓިފައެވެ.
ފީފާއިން ދެން އެންމެ އަވަހަށް ދުނިޔޭގެ ރޭންކިން އާންމުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.