ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންކާރުކޮށްފައިވާ ކަމަށް ބުނެ، އޮންލައިން ނޫސް” އަދަދު “ގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި،” ރައީސް މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި “މި ސުރުޚީގެ ދަށުން އެ ނޫހުގައި ގެނެސްދީފައިވަނީ އެއްވެސް އަސާސެއް ނެތް، ދޮގު މަޢުލޫމާތުތަކެކެވެ.
އެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ މާލީ ބަޔާން (އެސެޓް ޑެކްލަރޭޝަން) އަކީ މިހާރުވެސް އެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޢާންމުކޮށް ޝާއިޢުކުރެވި، ފެންނަން ހުރި ލިޔުމެއް ކަމަށެވެ. އަދި އެ މަޢުލޫމާތު ހޯދަން އެދޭ ކޮންމެ ފަރާތަކަށް ވެސް ޕީޑީއެފް (PDF) ފޯމެޓުގައި ފަސޭހަކަމާއެކު ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، އެ މަނިކުފާނުގެ މާލީ ބަޔާން ރަސްމީ ވެބްސައިޓުގައި ޢާންމުކުރެވިފައިވާކަން، މީގެ ކުރިން މީޑިއާތައް މެދުވެރިކޮށް ޚަބަރެއްގެ ގޮތުގައި ރައްޔިތުންގެ ސަމާލުކަމަށް ގެނެސްދީފައިވާނެ ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރައްވައެވެ.
” އަދަދު “ނޫހުން މިފަދަ ހަޤީޤަތާ ޚިލާފު ޚަބަރުތައް ތަކުރާރުކޮށް ފަތުރަމުންދަނީ ސިޔާސީ ވަކި މަޤްޞަދެއް ޙާޞިލުކުރުމުގެ ބޭނުމުގައި ކަމަށް ތުހުމަތުކުރައްވަމުން، އެ އޮފީހުގެ ބަޔާން ނިންމާލައްވާފައިވަނީ، ރައްޔިތުންނަށް ކަންކަމުގެ ޞައްޙަ މަޢުލޫމާތާއި ޙަޤީޤަތް ސާފުކޮށްދިނުމުގައި ސަރުކާރުން އެއްވެސް މިންވަރަކަށް ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަން އަރުވަމުންނެވެ.