ޚަބަރު

ބޮކްސާ ތެރެއިން ޑްރަގްސް ފެނުނު ޒުވާނަކު، އެއީ އޭނާގެ ތަކެތި ނޫން ކަމަށް ބުނެފި

ބޮކްސާ ތެރެއިން ޑްރަގްސް ފެނުނު ޒުވާނަކު، އެއީ އޭނާގެ ތަކެތި ނޫން ކަމަށް ބުނެފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު ލައިގެން ހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތި ފެނުމުން، އެއީ އޭނާގެ ތަކެތި ނޫން ކަމަށް ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން ހާމަވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، ވިޔަފާރިކުރުމުގެ އިތުރުން ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ލައިގެން ހުރި ބޮކްސާ ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ނޫން ކަމަށް ބުނެ ކޯޓުގައި ދިފާޢުވި ނަމަވެސް، އޭނާއާ ދެކޮޅަށް އެކަށީގެންވާ މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، ހާދިސާ ހިނގި ސީނަށް ދިޔަ ފުލުސް އޮފިސަރުގެ ބަޔާން ހިމެނޭ ކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި ހެކިތަކަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ހަށިގަނޑުގެ އެކި ތަންތަނުގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރުމާއި، އެތެރޭގައި ގެންގުޅުމުގެ މައްސަލަތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 2,019 މައްސަލައެއް އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top