ދިވެހި ސިފައިންގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ސިފައިން ހިންގާ ކަނޑުމަތީގެ ޕެޓްރޯލް އޮޕަރޭޝަންތަކަށް އިތުރު 17 އުޅަނދެއް ވަރަށް އަވަހަށް ހޯދައިދޭން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ކުރިއަށް ގެންދާ” އަހާ “ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އާންމުންގެ މީހަކު ވަނީ ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތެރި ޙާލަތަށް ސިފައިން ތިބީ ފުރިހަމައަށް ތައްޔާރީ ޙާލަތުގައިތޯ ސުވާލު ކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތެރި ޙާލަތަށް ސިފައިން އަބަދުވެސް ތިބެނީ ތައްޔާރީ ޙާލަތުގައި ކަމަށެވެ. ނަމަވެސް އެކަމުގެ ފުރިހަމަ ނަތީޖާ ނެރެވޭނީ ސިފައިންނަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ހޯދައިދީގެން ކަމުގައި ވިދާޅުވި އެވެ.
މި ސަރުކާރުން އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މިވީ ދެ އަހަރާއި ބައިގެ ތެރޭގައި ތުރުކީ އާއި އޮސްޓްރޭލިއާ އިން މަނަވަރެއް ހޯއްދަވާފައިވާ ކަމަށެވެ. އެއީ އެ ދެ ޤައުމާއިމެދު އޮތް އެކުވެރިކަމުގައި މަޝްވަރާގެ މަތީން ހިލޭ އެހީގައި ހޯއްދަވާފައިވާ ދެ މަނަވަރެވެ.
މީގެ އިތުރުން ވައިގެ މަގުން ރާއްޖެ ބެލެހެއްޓުމަށް ޑްރޯން ހޯދުން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ވަރަށް ބޮޑު ކަމުން ސިފައިންގެ ކަނޑުމަތީގެ ޕެޓްރޯލް ވަރަށް މުހިންމު ކަމަށެވެ. އެ މަަސައްކަތަށް މިހާރުވެސް މުޅިން އަލަށް ތިން އުޅަނދު ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ވަރަށް އަވަހަށް އިތުރު 17 އުޅަނދެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން ބައެއް އުޅަނދުތައް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.” މިއީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ޚާއްސަކޮށް ކަނޑާއި ވައިގެ މަގުން ކަށަވަރު ކުރުމަށްޓަކައި ކުރެވެމުންދާ ކަންކަން “މިނިސްޓަރު ވިދާޅުވި އެވެ.