ސަރުކާރުގެ ކޯޕަރޭޓް ދާއިރާ އިޞްލާޙުކުރުމުގެ ސިޔާސަތުގެ ދަށުން، އައްޑޫ ސިޓީ (ހުޅުދޫ އަދި މީދޫ ހިމެނޭހެން) އާއި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ރަސްމީކޮށް ހަވާލުވެ، އޮޕަރޭޝަންތައް ފަށައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.
އެމްޑީ ޙުސައިން ފަހުމީ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބަދަލާ ގުޅިގެން އެމްޑަބްލިޔުއެސްސީ އަދި ފެނަކަ ކޯޕަރޭޝަނާ ދެމެދު ފްރޭމްވޯކް އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރެވިފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ދެ ސިޓީގެ ފެނާއި ނަރުދަމާ ނިޒާމާ ގުޅުންހުރި އެންމެހައި ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރ އެމްޑަބްލިޔުއެސްސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
މީގެއިތުރުން، ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރުހުރި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، މި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޚާއްޞަ ފަންނީ އެސެސްމަންޓްތަކެއް ހަދާފައިވާ ކަމަށްވެސް ފަހުމީ ފާހަގަކުރެއްވިއެވެ. އަދި އެ ދިރާސާތަކުގެ އަލީގައި، ދެ ސިޓީގެ ޚިދުމަތްތައް އަޕްގްރޭޑްކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް މިހާރު ބާރުދުވެލީގައި ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.