ސީރިއަލް ޕެކެޓްތަކެއްގައި ފޮރުވައިގެން 3.8 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ހަ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ރާއްޖެއިން ފުރަން އުޅެނިކޮށެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ 19 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ އެންމެންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިދީފައެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ:
• ރަޖިބް (31 އަހަރު)
• މުހައްމަދު އަބްދުﷲ (38 އަހަރު)
• އަޖްގޮރް މިރިދާ (37 އަހަރު)
• އެމްޑީ މޮހިއްދީން ޗޯދްރީ (28 އަހަރު)
• އެމްޑީ ޝަހިން މިއާހް (46 އަހަރު)
• މުހައްމަދު މައިނުދިން ސަލާހު (35 އަހަރު)
ފުލުހުން ވިދާޅުވި ގޮތުގައި މި މީހުންގެ އަތުން އަތުލައިގަތް ފައިސާގެ ތެރޭގައި 18 ގައުމެއްގެ ފައިސާ ހިމެނެއެވެ. އޭގެ ތެރޭގައި 174،161 އެމެރިކާ ޑޮލަރާއި، 56،760 ޔޫރޯ އަދި 1،815 ސްޓާލިން ޕައުންޑް ހިމެނޭއިރު، މި ފައިސާގެ ޖުމްލަ އަގު ގާތްގަނޑަކަށް 3،861،415.29 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ) ރުފިޔާއަށް އަރައެވެ.
ފުލުހުން ހާމަކޮށްފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި، މި ފައިސާތައް ރާއްޖެއިން ބޭރުކުރަން މަސައްކަތްކޮށްފައިވަނީ ސީރިއަލް ޕެކެޓްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވައިގެންނެވެ.