ދީނީ

އަމިއްލައަށް މަރުވުން

އަމިއްލައަށް މަރުވުން

އަމިއްލައަށް މަރުވުމުގެ ޚިޔާލުތަކަކީ އަމިއްލަ އެދުން ބޮޑުކަމުން ކުރެވޭ ކަމެއް ކަމަށް ދެކޭ ބައެއް ސަބަބުތަކަކީ މިފަދަ ކަންކަމާ މެދު މުޖުތަމައުގައި އޮންނަ ނުބައި ތަޞައްވުރުތަކަށް ބާރުލިބޭ ކަންކަމެވެ. ބައެއް މީހުންނަކީ ހެޔޮނިޔަތުގައި ނަމަވެސް އޮޅުންތަކެއް އަރާފައިވާ ބައެކެވެ. މިސާލަކަށް، މިފަދަ ވާހަކައެއް ދެއްކުމަކީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށް ބިރުގަތުމެވެ. އަދި އަމިއްލައަށް މަރުވުމާ ގުޅުންހުރި ކަންކަމުގައި (ޚިޔާލުތައް، ރޭވުންތައް، އަދި އެކަމަށް ކުރާ މަސައްކަތް) ތަޖުރިބާ މަދުވުމަކީ ވެސް މީގެ ސަބަބެކެވެ.

އެމެރިކާގެ ‘ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން’ އިން ހާމަކުރާ ގޮތުގައި، 2000 ވަނަ އަހަރުން ފެށިގެން 2018 އާ ހަމައަށް އެމެރިކާގައި އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތް ދިޔައީ މަތިވަމުންނެވެ. ނަމަވެސް އޭގެ ފަހުން މި އަދަދުތަކަށް ބަދަލުތަކެއް އައިސް ކޮންމެވެސް ވަރަކަށް ވަނީ ދަށަށް ގޮސްފައެވެ. 2024 ވަނަ އަހަރު އެމެރިކާގައި ގާތްގަނޑަކަށް 48,900 މީހުން އަމިއްލައަށް މަރުވެފައިވާއިރު، ‘ވޯލްޑް ހެލްތު އޯގަނައިޒޭޝަން’ ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މުޅި ދުނިޔެއިން އަހަރަކު 720,000 އަށްވުރެ ގިނަ މީހުން އަމިއްލައަށް މަރުވެއެވެ. އުމުރުން 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުން ދުނިޔޭގައި މަރުވާ ތިންވަނައަށް އެންމެ ބޮޑު ސަބަބަކީ ވެސް މިއީއެވެ.

އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ހިއްސާކުރާ މީހުންނަށް ބޭނުންވަނީ ހަމްދަރުދީއާއި އެހީތެރިކަމެވެ.

އަޅުގަނޑުމެންނީ މުސްލިމުން ކަމުގައި ވީހިނދު، ސުވަރުގެއާއި ނަރަކަ ޙައްޤުވެގެންވާކަން ޤަބޫލުކޮށް، އެކަންކަމަށް ފުރިހަމައަށް އީމާންވަމުއެވެ. ނަރަކައިގެ ޢަޒާބުގެ ގަދަފަދަކަމާއި ބިރުވެރިކަމުގެ ޚަބަރު ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ބަޔާންކުރައްވާފައެވެ. ވީއިރު، ދުނިޔޭގައި ދިމާވާ ހިތާމަތަކާއި މާޔޫސީ ކަންކަމުގައި ކެތްތެރިވާނީތޯ، ނުވަތަ އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް ވައްޓާލައި، ނަރަކައިގެ ވޭންދެނިވި ޢަޒާބަށް ހުށަހެޅޭނީތޯ މިއީ ކޮންމެ މީހަކުވެސް ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ.
ދުނިޔޭގެ ދަތިތަކާއި ހިތާމަތަކުން މިންޖުވުމަށް އޮތް އެންމެ ފަސޭހަ މަގަކީ އަމިއްލައަށް މަރުވުން ކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ. އަމިއްލަ ނަފުސު ޤަތުލުކޮށްފި މީހަކަށް އޮތީ ނިމުމެއްނެތް، ވޭންދެނިވި ގަދަފަދަ ޢަޒާބެވެ. އަދި އެފަދަ މީހަކު ދުނިޔެ ދޫކޮށް އެދަނީ ތައުބާވުމުގެ އެންމެ ފަހު ފުރުޞަތުވެސް ގެއްލިފައިވާ ޙާލުގައެވެ. މިއީ ހަޤީޤަތުގައިވެސް ހިތާމައިގެ ކޮޅެއް ނެތް ފަދަ ބޮޑު ގެއްލުމެކެވެ.
މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް މިފަދަ ނުރައްކާތެރި ވިސްނުންތަކުގެ ޝިކާރައަކަށްވާ މީހުން މަދެއް ނޫނެވެ. ޚާއްޞަކޮށް، ދިރިއުޅުމުގައި މާޔޫސްވެ މަގުއޮޅޭ ބައެއް ޒުވާނުންނަށް، އެންމެ ރަނގަޅު ޙައްލަކީ އަމިއްލަ ފުރާނަ ދުއްވާލުން ކަމުގައި ދެކެވޭ ފަހަރު އާދެއެވެ. ނަމަވެސް، މިފަދަ ހިތާމަވެރި ކަންކަމުން މުޖުތަމަޢު ސަލާމަތްކުރެވޭނީ އީމާންތެރިކަން ވަރުގަދަކޮށްގެންނެވެ. އިންސާނާ މި ދުނިޔެއަށް ފޮނުއްވުނު މަތިވެރި މަޤްޞަދު އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހެއެވެ. ކޮންމެ ނަފުސަކީވެސް ﷲ ތަޢާލާގެ މިލްކެކެވެ. އަދި އެ ފުރާނަ ގެންދެވުމުގެ ފުރިހަމަ ބާރުވެރިކަން ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށެވެ.

އަމިއްލައަށް މަރުވުމާއި، އެފަދަ ކަމަކަށް މަގުފަހިވާނޭ އެންމެހައި ކަންކަން މާތް ﷲ ވަނީ މުޅިން ޙަރާމްކުރައްވާފައެވެ. އަދި ދުނިޔެއަށް އަލްވަދާޢު ކިޔުމުގެ ގޮތެއްގެ ގޮތުގައި އަމިއްލައަށް މަރުވުމަށް ކުޑަމިނުން އުންމީދުކުރުން ވެސް ދޫކޮށްލުމަށް ކީރިތި ރަސޫލާ ﷺ ވަނީ އުންމަތަށް އިރުޝާދު ދެއްވާފައެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބާޠިލު ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ތިޔަބައިމީހުން ޤަތުލުނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ.”
ވީމާ، މިފަދަ ނުރައްކާތެރި ޢަމަލުތަކުން ދުރުހެލިވުމަށް ބާރުއަޅާ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތަކުގެ އަލީގައި މީސްތަކުންނަށް ނަޞޭޙަތްތެރިވެ ހޭލުންތެރިކަން އިތުރުކުރަން ޖެހެއެވެ. ދީނީ ޢިލްމުވެރިންގެ އިރުޝާދު ހޯދުމާއެކު، ނަފުސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. ދިރިއުޅުމުގެ އެއްވެސް މައްސަލައަކީ ޙައްލުނުވާނޭ ކަމެއް ކަމަށް ދެކޭ މީހުންނަށް، އިސްލާމްދީނުގެ ހިދާޔަތާއި އެހެނިހެން ވަސީލަތްތަކުގެ އެހީގައި ހިތްވަރުދީ، އެފަދަ ނުރަނގަޅު ވިސްނުންތައް ބަދަލުކުރުމަށް އެހީތެރިވާންވާނެއެވެ.
ހަމަކަށަވަރުން، އާޚިރަތް ދުވަހަށް ފުރިހަމައަށް އީމާންވެ، އެއީ ތިމާގެ ޙަޤީޤީ މަންޒިލުކަން ދަންނަ މީހަކަށް، ދުނިޔޭގައި ކުރިމަތިވާ ކޮންމެ މުޞީބާތަކާއި ހިތްދަތިކަމަކާ ވެސް ކެރިގެން ކުރިމަތިލުމުގެ ހިތްވަރު ލިބިގެންދާނެއެވެ. އަދި ކެތްތެރިކަމާއެކު ދިރިއުޅުމުގެ އިމްތިޙާނުތައް ކަޑައްތުކުރުމުގެ މަތިވެރި ސިފަ އޭނާގެ ކިބައިގައި އަށަގަންނާނެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top