މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ދެވަނަ ސެގްމެންޓުގައި ތާރުއެޅުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މީގެއިތުރުން، އެ ކުންފުނިން ވަނީ ދެވަނަ ސެގްމެންޓުގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނޭ، އަމީނީ މަގާއި އިއްޒުއްދީން މަގު ގުޅޭ ކަންމަތީގެ (ޖަންކްޝަން) މަސައްކަތްތައް ވެސް ފަށާފައިވާކަން އިޢުލާނުކޮށްފައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ސެގްމެންޓް ދޭއްގެ ތާރުއެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ފުރިހަމަކުރެވިފައެވެ. އަދި މި މަސައްކަތް ނިމުމަކަށް އައުމާއެކު، އެ ސަރަޙައްދު ބޭނުންކުރާ އާންމު ރައްޔިތުންނަށާއި ދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ނިމިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މިއަހަރުގެ ޖެނުއަރީ މަހު ނިންމި އަމީނީ މަގުގެ 1.79 ކިލޯމީޓަރުގެ ސަރަޙައްދަކީ، މަސައްކަތް ނިމުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް ތާރުގަނޑު ހަލާކުވެ، ވަރަށް ބޮޑަށް ބޮއްސުންލައިގެން ދިޔަ މަގެކެވެ. ޚާއްޞަކޮށް އެ މަގުގެ ހުޅަނގު ފަރާތުގެ ޙާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، ފަންނީ މާހިރުން ވިދާޅުވާ ގޮތުގައި މަގު އެހާ އަވަހަށް ހަލާކުވާން ދިމާވި މައިގަނޑު ސަބަބަކީ، ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ސެޓުވާން (ހިކެން) ވަގުތު ނުދީ މަގު އާންމުކޮށް ހުޅުވާލައި، ބަރު އުޅަނދުތައް ދުއްވުމުގެ ސަބަބުންނެވެ.