އިންޓަރޕޯލްގެ ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ ޑިރެކްޓަރޭޓްގެ މައިގަނޑު އެއް ތަމްރީނު ޕްރޮގްރާމް ކަމަށްވާ ” އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް “، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ އައްޑޫ ސިޓީ ކެމްޕަހުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ، އެންސީޕީއެލްއީގެ އައްޑޫ ކެމްޕަހުގައި މިއަދު ހެނދުނު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އެ ކޮލެޖުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އަޙްމަދު ޢަބްދުއްރަޙްމާން ވިދާޅުވީ، މިއީ އެންސީޕީއެލްއީގެ އައްޑޫ ކެމްޕަހުގައި ހިންގޭ ބައިނަލްއަޤްވާމީ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ކަމަށެވެ. އަދި މިއީ އެ ކޮލެޖުގެ ތާރީޚުގައި ޙާޞިލުކުރެވުނު މުހިންމު އަދި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންޓަރޕޯލްގެ އެކި ސަރަޙައްދުތައް ތަމްސީލުވާ ގޮތަށް 13 ޤައުމަކުން ޖުމްލަ 23 އޮފިސަރުން ބައިވެރިވާ މި ޕްރޮގްރާމަކީ، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިސަރުންނަށް އުނގަންނައިދިނުމުގެ އަސާސީ އަދި ފަންނީ ހުނަރުތަކާއި މެތޮޑޮލޮޖީތައް އުނގަންނައިދީ، ތަމްރީނުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.