މާލޭ ފަތާ ޓްރެކް ސަރަޙައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ފައިސާ ފުލުހުން ހޯދައިފިއެވެ.
މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅުނު މި މައްސަލައަކީ، ސައިކަލުގެ މަޑިދަށުގައި ބަހައްޓާފައި ހުރި 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެކެވެ.
ފުލުހުންގެ ތަޙުޤީޤުގެ ތެރެއިން، އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތައް ދިރާސާކޮށް، މި ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ ދެނެގަނެވިފައެވެ. އަދި އޭނާ ފުލުހުންގެ އިދާރާއަށް ޙާޟިރުކޮށް ސުވާލުކުރުމުން، އެ ފައިސާ ވަގަށް ނެގިކަމަށް އޭނާ ވަނީ އިޢުތިރާފުވެފައެވެ.
ވަގަށް ނެގި ފައިސާގެ ތެރެއިން، ތުހުމަތުކުރެވޭ މީހާގެ އެކައުންޓަށް ޖަމާކޮށްފައި ހުރި 55،000 ރުފިޔާ މިހާރު ވަނީ ފުލުހުންނާ ޙަވާލުކޮށްފައެވެ. އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ވަނީ ޖަމާކޮށްދީފައެވެ. ބާކީ ހުރި 55،000 ރުފިޔާ ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ތަޙުޤީޤުގެ ތެރެއިން ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.