ޚަބަރު

މާލޭ މަސްމާރުކޭޓު ސަރަޙައްދުން މަޑިއެއް ނެގި މައްސަލަ ފުލުހުންގެ ސަމާލުކަމަށް

މާލޭ މަސްމާރުކޭޓު ސަރަޙައްދުން މަޑިއެއް ނެގި މައްސަލަ ފުލުހުންގެ ސަމާލުކަމަށް

މާލޭ މަސްމާރުކޭޓު ސަރަޙައްދުގެ ތޮށިގަނޑު ކައިރިން ބިދޭސީއަކު މަޑިއެއް ހިފައި، އެއްގަމަށް އެރުވި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބިދޭސީއެއް ކަމަށް ބެލެވޭ މީހަކު ވަނީ އެ ސަރަޙައްދުގެ ތޮށިގަނޑު ކައިރީގައި އޮތް މަޑިއެއްގައި ބުޅި ޖަހައިގެން ގަދަކަމުން އެއްގަމަށް ނަގާފައެވެ. އެ ސަރަޙައްދަކީ ޢާންމު ގޮތެއްގައިވެސް ގިނަ އަދަދަކަށް މަޑި އެއްވާ ތަނެކެވެ.

މި ޢަމަލު ހިންގާފައިވަނީ އެ ވަގުތު އެ ސަރަޙައްދުގައި ތިބި ފަތުރުވެރިންނަށް ދެއްކުމުގެ ބޭނުމުގައި ކަމަށް ބެލެވޭއިރު، އެއްގަމަށް މަޑި އެރުވުމުން ފަތުރުވެރިން އޭގެ ފޮޓޯ ނަގަން ތިބި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. ނަމަވެސް، މި ހާދިސާ ހިނގި ސީދާ ތާރީޚާއި ވަގުތު އަދި ކަށަވަރުވެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، އެ މައްސަލަ އެއްވެސް ފަރާތަކުން ރަސްމީކޮށް ހުށަހަޅާފައި ނުވި ނަމަވެސް، މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކާ ގުޅިގެން އެ މައްސަލަ މިހާރު ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެވިފައެވެ.

މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވީ، މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަން ބިދޭސީންނަށް ކެރެނީ އެކަށީގެންވާ ފިޔަވަޅު ނޭޅި، ޤާނޫނީ ޒިންމާއިން ބަރީޢަވުމުގެ ފުރުޞަތު އޮންނާތީ ކަމަށެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރޭގައި މަޑީގެ ބާވަތްތައް ހިމެނޭއިރު، އެ ތަކެތި ހިފުމާއި އެއަށް ގޯނާކުރުމަކީ މަނާކުރެވިފައިވާ ކަމެކެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top