ދީނީ

އިމާމުންނާއި ޚަޠީބުންގެ ރަސްމީ ފޭރާންކޮޅު ދިވެހިވަންތަ ސަޤާފީ ފަރުމާއަކަށް ބަދަލުކުރަނީ

އިމާމުންނާއި ޚަޠީބުންގެ ރަސްމީ ފޭރާންކޮޅު ދިވެހިވަންތަ ސަޤާފީ ފަރުމާއަކަށް ބަދަލުކުރަނީ

ރާއްޖޭގެ އިމާމުންނާއި ޚަޠީބުން ނަމާދު އިމާމުވެ ކުރައްވާއިރު އަދި ޚުޠުބާ ވިދާޅުވާއިރު ތުރުކުރައްވާނެ ޚާއްޞަ ރަސްމީ ފޭރާންކޮޅެއް، ދިވެހިވަންތަ ސަޤާފީ ސިފަތައް އެކުލެވޭ ގޮތަށް ފަރުމާކުރުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އިމާމުންނާއި ޚަޠީބުންނަށް ޚާއްޞަ ރަސްމީ ފޭރާމެއް ތަޢާރަފުކުރެވޭ ފުރަތަމަ ފަހަރެވެ.

ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ފޭރާންކޮޅާއި ތާކިހާ ފަރުމާކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ރާއްޖޭގެ ސަޤާފަތާއި ތާރީޚީ އާސާރުތަކަށެވެ. އެގޮތުން މާލޭ ހުކުރު މިސްކިތުގެ މުންނާރާއި، ހިރިގަލުގެ މަސައްކަތްތަކުގެ އިތުރުން ދިވެހި ތުނޑުކުނަލުގެ ވިޔުމުގެ ޑިޒައިންތަކުން ވަނީ އިންސްޕިރޭޝަން ހޯއްދަވާފައެވެ. އަދި މި ފޭރާން ފަރުމާކުރަނީ ރާއްޖޭގެ ދުވަސްވީ މިސްކިތްތަކުންނާއި ތާރީޚުން ފެންނަންހުރި ދިވެހި އިސްލާމީ ޙަޟާރަތުގެ މުއްސަނދި ބަހާތަކަށް ރިޢާޔަތްކޮށްގެންނެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިވަންތަ ސަޤާފަތާއި ތާރީޚު ދިރުވައި އާލާކުރުމާއި، ރާއްޖޭގެ ދީނީ އާދަކާދަތަކުގެ ތެރެއަށް ބޭރުގެ ސަޤާފަތްތައް ވަނުން ހުއްޓުވައި، ދިވެހިންގެ އަމިއްލަވަންތަކަން ކުރިއެރުވުމެވެ.

މި މަޝްރޫޢުގެ ދަށުން ފަރުމާކުރެވޭ އައު ފޭރާންކޮޅު، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުން ފެށިގެން ބޭނުންކުރަން ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top