މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށާއި ޤައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، ޚިޔާލު ބަދަލުކުރައްވާފައެވެ.
މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއާ ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި މިފަދަ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމަށާއި، މިކަމުގައި ވަކާލާތުކުރުމުގައި އދ. އިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
މީގެއިތުރުން، މި ސަރަޙައްދުގައި މިހާރު ހިނގަމުންދާ ކަންބޮޑުވާންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.