ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކުލަވާލާފައިވާ އައު މިންގަނޑުތަކާ އެއްގޮތަށް، ވިޔަފާރީގެ އުސޫލުން ރާއްޖެއިން ބޭރުކުރެވޭ ހިއްކި ހުއިފިލަނޑާ އަހަރީ ކޯޓާއަކީ 10.95 ޓަނު ކަމުގައި ސަރުކާރުން ހަމަޖައްސައިފިއެވެ.
މި ކޯޓާއަށް އަމަލުކުރުމަށް ކަނޑައަޅާފައިވަނީ 20 ސެޕްޓެމްބަރު 2026 އިން ފެށިގެން 19 ސެޕްޓެމްބަރު 2027 ގެ ނިޔަލަށެވެ. ނުވަތަ އެ މުއްދަތުގެ ކުރިން ކަނޑައެޅިފައިވާ ޖުމްލަ މިންވަރު ހަމަވަންދެނެވެ.
މި މިންގަނޑު ކަނޑައަޅާފައިވަނީ ހުއިފިލަނޑާ އާބާދީއަށް ނޭދެވޭ އަސަރެއް ނުކުރާނޭހެން އެކްސްޕޯޓް ކުރެވިދާނެ އެންމެ އެކަށީގެންވާ މިންވަރު ދެނެގަތުމަށްޓަކައި، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ހެދި އިލްމީ ދިރާސާއަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ.
ހުއިފިލަނޑާއަކީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތަކުގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރާ ‘ސައިޓީސް’ (CITES) މުއާހަދާގެ އެޕެންޑިކްސް 2 ގައި ހިމެނޭ ބާވަތެކެވެ. އެހެންކަމުން، މިއީ އެ ތަކެތީގެ ނަސްލު ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަގުވާމީ ވިޔަފާރި ހާއްސަ އުސޫލުތަކެއްގެ ދަށުން ބަލަހައްޓަންޖެހޭ ދިރުމެކެވެ.
މި ބާވަތް އެކްސްޕޯޓްކުރުމުގެ ހުއްދަ ލިބިފައިވާ 7 ކުންފުންޏަކަށް މިހާރު ވަނީ ކޯޓާ ބަހާލާފައެވެ. އެގޮތުން އަހަރީ ކޯޓާގެ 55 އިންސައްތަ ޝަރުތުހަމަވާ އެކްސްޕޯޓަރުންނަށް ދޫކޮށްފައިވާއިރު، ބާކީ 45 އިންސައްތަ ހަމަޖައްސާފައިވަނީ ރިޒާވްގެ ގޮތުގައެވެ.
ރާއްޖެއިން ހުއިފިލަނޑާ އެކްސްޕޯޓް ކުރެވޭނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ދޫކުރާ ‘ކެޗް ސެޓްފިކެޓް’ އާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ދޫކުރާ ‘ސައިޓީސް ޕާމިޓް’ ފުރިހަމަކޮށްގެންނެވެ.