ޚަބަރު

ނޭޝަނަލް ސާރވިސް 03 ވަނަ ބެޗުގެ ދަސްވެނިމުން ބާއްވައިފި

ނޭޝަނަލް ސާރވިސް 03 ވަނަ ބެޗުގެ ދަސްވެނިމުން ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެ ޚިޔާލުފުޅާއި، އިސްނެގުވުމުގެ މަތިން ކުރިޔަށް ގެންދަވާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯސް-3ވަނަ ބެޗުގެ ދަސްވެނިމުން ބާއްވައިފިއެވެ. މިޕްރޮގްރާމާކީ މިޤައުމުގެ ޒުވާން ޖީލަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަޤީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި ރައްޔިތެއްގޮތުގައި ބިނާކުރުމުގެ މަޤުސަދުގައި ފާއިތުވި އަހަރު އޮކްޓޯބަރ މަހުން ފެށިގެން ސަރުކާރުން ކުރިޔަށް ގެންދާ ޓްރޭނިންގ ޕްރޮގްރާމެކެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯސް-3 ވަނަ ބެޗްގެ ދަސްވެނިމުން ރަސްމިއްޔާތު ބޭއްވުނީ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ. މާފިލާފުށީގައެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިފާއީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދެވެ.
18 އަހަރުގެ އެވްރެޖް ޢުމުރުފުރާ ދަރިވަރުން ބައިވިރެވި މިޕްރޮގްރާމް ހިންގުނީ 08 ޖޫން 2026 އިން 19 ސެޕްޓެންބަރު 2026 އަށެވެ. މިޕްރޮގްރާމްގައި ރާއްޖޭގެ 115 ރަށަކަށް ނިސްބަތްވާ 352 ދަރިވަރުން ބައިވެރިވިއެވެ. އަދިމީގެރެއިން 341 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެއީ 62 އަންހެން ދަރިވަރުންނާއި 279 ފިރިހެން ދަރިވަރުންނެވެ.
14 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުން ދަސްވެނިމުނު ދަރިވަރުން ވަނީ ސެޓިފިކެޓް 3 އިން ސިވިކް އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް އެވޯޑް ހާސިލުކޮށްފައެވެ. މިރަސްމިއްޔާތުގައި ދަރިވަރުންނަށް ޢަޒުމް ލައިދެއްވީ ނޭޝަނަލް ސަރވިސް ޓްރެއިނިންގ ސެންޓަރުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ.
މި ޕްރޮގްރާމްގައި، ދަރިވަރުންނަށް އުނގަނައިދެވިފައިވަނީ އިސްލާމިކް ސްޓަޑީސް، ދިވެހި ޤައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަން، ލީޑަރޝިޕް، ލޭންގުއޭޖް ޕްރޮފިޝަންސީ، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ޑްރިލް، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕިންގ އެކްޓިވިޓީސް އުނގަންނައިދީ ހުނަރުތައް ދަސްކޮށްދީފައި ވެއެވެ. މި މާއްދާތައް ކިޔަވައިދެއްވީ ސިފައިންގެ މުދައްރިބުންގެ އިތުރުން ކަމާ ބެހޭ ވުޒާރާތަކުގެ ފަންނީ މާހިރުންނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top