ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅިގެން، ޕާކިސްތާނަށް ކުރެއްވި ކާމިޔާބު ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު މާލެ ވަޑައިގެންފިއެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ކުރެއްވި މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ޚާއްޞަ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމުގެ އަމާޒާއެކު، މި ދަތުރުފުޅުގެ ތެރެއިން ދެ ސަރުކާރުގެ ދެމެދުގައި ވަނީ މުހިންމު 20 ފަހުމުނާމާއަކާއި އެއްބަސްވުމެއްގައި ސޮއިކޮށް، ލިޔެކިޔުންތައް ބަދަލުކުރައްވާފައެވެ.
މި އެއްބަސްވުންތަކުގެ ދަށުން ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙަތު، ތަޢުލީމު، ފަތުރުވެރިކަން، މަސްވެރިކަން، ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު އަދި ދިފާޢީ ދާއިރާ ހިމެނޭހެން، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ ނިންމަވާފައެވެ.