އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ތަރައްޤީކުރާ މަޝްރޫޢުގެ ދަށުން ދޫކުރެވޭ އެންމެހައި ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްޤީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ގެނެސްދޭ” ދަ ޕަލްސް “ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހުޅުމާލޭގެ ތަރައްޤީގެ މަރުޙަލާތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލެ ހިއްކި ދުވަސްވަރު އެކަށީގެންވާ ދުރުރާސްތާ ޕްލޭނެއް ނެތުމުގެ ސަބަބުން، މީހުން އާބާދުވުމުގެ ކުރިން ބޮޑެތި އިންވެސްޓްމަންޓްތަކެއް އެ ސަރަޙައްދަކަށް ނުގެނެވުނެވެ. އަދި ހުޅުމާލެއަށް މުހިންމު އިންވެސްޓްމަންޓްތައް އަންނަން ފެށީ މީހުން ދިރިއުޅެން ފަށައި، ސިނަމާލެ ބްރިޖުގެ ޚިދުމަތް ލިބެން ފެށުމުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދަވަނީ އެ ތަޖުރިބާތަކުގެ އަލީގައި، ރައްޔިތުންނަށް ދޫކުރާ ބިމާއި ފްލެޓްތަކުގައި ދިރިއުޅެން ފެށުމުގެ ކުރިން، އަސާސީ ޚިދުމަތްތަކާއި ބޮޑެތި އިންވެސްޓްމަންޓްތައް ޤާއިމުކޮށް ފުރިހަމަކުރުމުގެ އަމާޒުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އީގަލް ހިލްސްއިން ހިންގާ މަޝްރޫޢަކީ ކުރު މުއްދަތެއްގެ ތެރޭގައި ރަސްމާލެ ޒަމާނީ ސަހަރަކަށް ބަދަލުކޮށްދޭނެ މުހިންމު ބިންގަލެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މި މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ބައެއް ފަރާތްތަކުން ސިޔާސީ މަންފާއަށްޓަކައި ޙަޤީޤަތް އޮޅުވާލައި ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށެވެ.
” މި އިންވެސްޓްމަންޓުގެ ދަށުން ތަރައްޤީކުރެވޭ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް އެ ފުރުޞަތު ލިބެނީ 99 އަހަރުގެ މުއްދަތަކަށް. އެ މުއްދަތު ހަމަވުމުން، އެ ތަންތަން އަނބުރާ ޙަވާލުކުރަންޖެހޭނީ ދައުލަތާ. އަދި އެހެން ފަރާތަކަށް އެތަންތަން ވިއްކުމުގެ އިޚްތިޔާރުވެސް އޮންނާނީ ސަރުކާރަށް. މިކަމުގެ ފުރިހަމަ ކޮންޓްރޯލް ދެމިއޮންނާނީ ދިވެހި ސަރުކާރުގެ އަތްމަތީގައި. މިއީ އަމިއްލައަށް އެއްބަސްވުން އައުވެ، އިތުރު 99 އަހަރު ލިބިގެންދާނެ ނިޒާމެއް ނޫން، “ރައީސުލްޖުމްހޫރިއްޔާ ތަފްޞީލުކޮށްދެއްވިއެވެ.
މީގެއިތުރުން، މި މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ސަރުކާރުން އަބަދުވެސް ދެފުށް ފެންނަ ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި މި މަޝްރޫޢުގެ އެންމެހައި އެއްބަސްވުންތައް އެކުލަވާލެވިގެންދާނީ ޤާނޫނުއަސާސީއާއި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.