ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު އޮނަރަރީ ޑޮކްޓްރޭޓްގެ ޝަރަފު އަރުވައިފިއެވެ.
އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުގެ ފަރާތުން މި ޝަރަފުވެރި ލަގަބު އެމަނިކުފާނަށް އެރުއްވީ އެ ޔުނިވަރސިޓީގެ ވައިސް ޕްރެޒިޑެންޓް ޕްރޮފެސަރ ޑރ. ނަދީމް އަޙްމަދު ޝެއިޚެވެ. މި ޝަރަފަކީ، ސިޔާސީ އަދި ޚާރިޖީ ދާއިރާއިން އެމަނިކުފާނު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކާއި، ޤައުމީ ތަރައްޤީއަށް ގެންގުޅުއްވާ ދުރުވިސްނުންތެރި ސިޔާސަތުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވި ޝަރަފެކެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމުގައި އަދާކުރައްވަމުން ގެންދަވާ އިސް ދައުރު ފާހަގަކުރުންވެސް މި އެވޯޑު އެރުވުމުގައި ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތްތެރި ވެރިކަމަށާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކޮށްދެއްވާ ޚިދުމަތްތައް ފާހަގަކޮށް، އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަށް އެ ޔުނިވަރސިޓީން ނިންމި ނިންމުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
މި ޝަރަފު ޤަބޫލުފުޅުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން މީގެ ސަތާރަ އަހަރު ކުރިން ޕީއެޗްޑީ ޙާޞިލުކުރެއްވި ދުވަހަކީ ނުހަނު ބުރަ މަސައްކަތުން ހޯއްދެވި ކާމިޔާބީއަކަށް ވާތީ، އެއީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެންދާނޭ ދުވަހެއް ނޫން ކަމަށެވެ. އަދި މިއަދު ސިޔާސީ ދާއިރާއިންނާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާއިން މި ލިބިވަޑައިގެންނެވި އޮނަރަރީ ޑޮކްޓަރޭޓަކީ އެ ދުވަހު އުންމީދުވެސް ނުކުރައްވާ ފަދަ މަތިވެރި ޝަރަފެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
” މި ޝަރަފު އަޅުގަނޑަށް އެރުވުނު ކަމުގައި ވިޔަސް، މީގެ ޙަޤީޤީ ޙައްޤުވެރިންނަކީ ލޮބުވެތި ދިވެހި ރައްޔިތުން. މިއީ ތިޔަ މާތް ޤައުމުން ދިވެހިރާއްޖެއަށް ބަހައްޓަވާ ގާތް ރަޙްމަތްތެރިކަމުގެ ހެކެއް. އަޅުގަނޑު މި ޝަރަފު ބަލައިގަންނަނީ ދިވެހި ޤައުމަށާއި، ރައްޔިތުންނަށް، އަދި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުމަށް ލިބިގެންދިޔަ ޢިއްޒަތެއްގެ ގޮތުގައި “ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމާއި ގާތް ގުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން މި ޝަރަފާ ގުޅިގެން، ޔުނިވަރސިޓީގެ އިސްވެރިންނަށާއި މިކަމުގައި ޝާމިލުވި އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.