ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި އެ ޤައުމުގެ ޤައުމީ މަޖިލީހުގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު” އައިވާން-އެ-ސަދްރު “ގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް ހޫނު މަރުޙަބާއެއް ދެންނެވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާއި ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީއެވެ.
މި ޒިޔާރަތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޕާކިސްތާނުގެ ރައީސާއި ފަސްޓް ލޭޑީއާ ވަކިވަކިން ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީ ވަނީ، ދެ ޤައުމުގެ ދެމެދުގައި ފައިދާހުރި މަޝްވަރާތަކެއް ކުރުމަށް ފުރުޞަތު ލިބިވަޑައިގަތުމުން އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ރާއްޖޭގެ ވަފުދަށް އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށްޓަކައި އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ. މީގެއިތުރުން، ޢާންމު ޞިއްޙަތުގެ ދާއިރާއިންނާއި، ޚާއްޞަކޮށް އަންހެނުންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އަސީފާ ބުއްޓޯ ޒަރްދާރީ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކަށް އެކަމަނާ ތަޢުރީފު ކުރެއްވިއެވެ.