މި އެހީއަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން،” ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް “މަޝްރޫޢުގެ ދަށުން ފޯރުކޮށްދިން އެހީއެކެވެ.
މި ތަކެތި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީޝިންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގއާއެކު ބޭއްވެވި މަޝްވަރާތަކުގެ ތެރެއިން ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، މި އެހީގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެކުރިންވެސް ޗައިނާގެ އެހީގައި ރާއްޖޭގެ ތިން ރަށެއްގައި ސޯލާ މަގުބައްތި ހަރުކޮށްފައިވާއިރު، އަލަށް ލިބުނު ބައްތިތަކާއެކު އިތުރު ރަށްރަށުގެ މަގުތައް އަލިކުރެވި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ 2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ.
މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި މުޅި ރާއްޖޭގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދޭ މިންވަރު މިހާރު 116 މެގަވޮޓަށް އިތުރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ވަނީ ހާމަކުރައްވާފައެވެ.