ހުޅުމާލޭގައި ހުރި އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށް ނިންމާލައިފިއެވެ.
އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގެ ރެއިލިންތައް ހުރީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމަށްފަހު، ރެއިލިން ހަރުކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތު ސެޕްޓެންބަރު 30 ގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،011 އެޕާޓްމަންޓަކުން މި އެހީތެރިކަމަށް އެދި ހުށަހަޅާފައިވެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާތަނަށް 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ރެއިލިން ވަނީ ހަރުކުރެވިފައެވެ.
މީގެއިތުރުން، އެހީތެރިކަމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް މަސައްކަތް ނުނިމިހުރި އެޕާޓްމަންޓްތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ވެސް، ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.