ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތުވެސް 1،273 ތަރައްޤީގެ މަޝްރޫޢެއް ހިނގަމުންދާ ކަމަށާއި، އެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް މާލީ ކަންކަމާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް މިރޭ ބޭއްވި” އަހާ “ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަންފީޒުވަމުންދާ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ މަޑުޖެހުންތަކާ ގުޅޭގޮތުން ތަފްޞީލު ދެއްވަމުން ވަޒީރު ވިދާޅުވީ، މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ލަސްކަމެއް އައިސްފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މުދަލާއި ތަކެތި އެތެރެކުރުމަށް ކުރިމަތިވި ދަތިތަކާ ހުރެ ކަމަށެވެ. އެހެންނަމަވެސް، މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ވީހާވެސް އަވަހަކަށް ރާއްޖެއަށް ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެއްވެސް މަޝްރޫޢެއް ހުއްޓައިނުލާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ދަތިތަކަށް ޙައްލު ހޯދައި، ހުރިހާ މަޝްރޫޢުތަކެއްވެސް ބާރުދުވެލީގައި ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ފޯރުކޮށްދިނުން ކަމަށެވެ.
” ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ މިންވަރަށް ބަލައި، އިސްކަންދެވިފައިވާ ތަރުތީބުން ހުރިހާ ރަށެއްގެ މަޝްރޫޢުތައްވެސް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން، “ވަޒީރު ވިދާޅުވިއެވެ.