މޯލްޑިވްސް އެކްސްޕޯ 2026 ގައި ބައިނަލްއަޤްވާމީ މައުރަޒުވެރިންނަށް ޚާއްޞަ ޒޯނެއް ހިމެނުމަށް ނިންމައިފިއެވެ. މިއީ ދިވެހި ވިޔަފާރިވެރިންނާއި ރާއްޖޭގެ ކުންފުނިތަކަށް ބޭރުގެ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް، ޒަމާނީ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، ވިޔަފާރީގެ އައު ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ހުޅުވައިލެވޭ މުހިންމު ދޮރެކެވެ.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު ހާމަކުރެއްވި ގޮތުގައި، މި މަޢުރަޒުގައި ޗައިނާ އަދި އިންޑިއާ، މި ދެ ޤައުމުން ކުރެ ކޮންމެ ޤައުމަކުން 15 ކުންފުންޏަކުން ބައިވެރިވާނެއެވެ. މީގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ވިޔަފާރިތައް ވެސް މި އެކްސްޕޯގައި ބައިވެރިކުރުމުގެ އިންތިޒާމުތައް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ޒޯނުގައި ދުނިޔޭގެ ފެންވަރުގެ އުފެއްދުންތަކާއި، ޒަމާނީ މެޝިނަރީޒް އަދި ޓެކްނޮލޮޖީގެ އައު އީޖާދުތައް ދައްކާލުމުގެ އިތުރުން، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ފޯރުކޮށްދިނުން ހިމެނެއެވެ. ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޝިޔާޒް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި އަހަރުގެ އެކްސްޕޯގައި ބޭރުގެ ފަރާތްތަކުން ބައިވެރިވި ނަމަވެސް، މިއަހަރު ވަކި ޚާއްޞަ ސަރަޙައްދެއް ކަނޑައެޅީ ރާއްޖެއާއި ބޭރުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރީގެ މުޢާމަލާތްތަކަށް މަގުފަހިކޮށްދިނުމަށެވެ.
މިއަހަރުގެ އެކްސްޕޯއަށް ލިބިފައިވާ ތަރުޙީބު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު 240 ފަރާތަކުން ބައިވެރިވި މި މަޢުރަޒުގައި މިއަހަރު 780 ފަރާތަކުން ބައިވެރިވެއެވެ. މިއީ 225 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން މަޢުރަޒުގައި ދައްކާލުމަށް ހަމަޖެހިފައިވާ އުފެއްދުންތަކުގެ އަދަދު ވަނީ 2،400 އިން 4،800 އަށް އިތުރުވެފައެވެ.
ޖުމލަ ހަތް ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އެކްސްޕޯގައި، އަލަށް ތަޢާރަފުކުރި ‘އިންޓަރނޭޝަނަލް އެގްޒިބިޓާސް ޑިސްޓްރިކްޓް’ އާއި ‘ވިޒިޓާ އިކޮނޮމީ ޑިސްޓްރިކްޓް’ ހިމެނެއެވެ.” މުސްތަޤުބަލުގެ ރާއްޖެ – އީޖާދީ، އުފެއްދުންތެރި އަދި ބައިނަލްއަޤްވާމީ ގުޅުން “މި ޝިޢާރުގެ ދަށުން ބާއްވާ މި އެކްސްޕޯ އޮންނާނީ އޮކްޓޯބަރު 25 އިން ނޮވެމްބަރު 2 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިވެރިކަމުގެ ވިސްނުން ފުޅާކުރުމާއި، އީޖާދީ އުފެއްދުންތެރިކަން ކުރިއެރުވުމެވެ. މި މަޢުރަޒުގައި ބޭރުގެ ފަރާތްތަކަށް އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތު އޮތް ނަމަވެސް، އެކްސްޕޯގެ ދަށުން ކުރިއަށްދާ ވާދަވެރި މުބާރާތްތައް ޚާއްޞަކޮށްފައިވަނީ ހަމައެކަނި ދިވެހިންނަށް ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.