މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ބަލަހައްޓަމުންގެންދާ ފަންޑުގެ އަގު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދެގުނަ އިތުރުކޮށް 60 ބިލިއަން ރުފިޔާއަށް ހަމަކުރުމަކީ މުހިންމު އަމާޒެއް ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީއީއޯ މިހެން ވިދާޅުވީ، ޕެންޝަން އޮފީހުގެ އިސްނެގުމުގެ މަތިން ހދ. ހަނިމާދޫގައި ބޭއްވި” ތްރީ ޖެނެރޭޝަން ވޯކް “(3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޔަޒްމީދު ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި 17 އަހަރު ދުވަހުގެ ތެރޭގައި ޕެންޝަން ފަންޑަށް ޖަމާވެފައިވަނީ، މެންބަރުންގެ ޙިއްޞާއާއި އިންވެސްޓްމަންޓްތަކުން ލިބުނު ފައިދާއާއެކު ޖުމްލަ 30 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް، އިސްނަގައިގެން އިތުރު އިންވެސްޓްމަންޓް ފުރުޞަތުތައް ހޯދައި، ފަންޑު ފުޅާކުރުމާއެކު، މެންބަރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެންމެ އެދެވޭ މަންފާ ލިބޭނޭހެން ނިޒާމު މިހާރު ބައްޓަންކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ޤާނޫނީގޮތުން ބައިވެރިވާންޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބައިވެރިނުވެ ތިބި ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް މި ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތްތައް ކުރެވެމުންދާކަންވެސް ސީއީއޯ ފާހަގަކުރެއްވިއެވެ. އަދި ޕެންޝަނަށް ދައްކަންޖެހި ނުދެއްކި ހުރި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދައި ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ޔަޒްމީދު ވިދާޅުވިއެވެ.
ހަނިމާދޫ ކައުންސިލާއި، ރަށުގެ އެކި މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތަކީ، މާލީ ކަންކަމަށް އޮންނަ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމުގެ މުހިންމުކަމުގެ އިތުރުން، ރިޓަޔަރމަންޓަށް ދުރާލައި ތައްޔާރުވުމަށް އާއިލާތައް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ބޭއްވުނު ހަރަކާތެކެވެ.