ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދެމުންދިޔަ އެޕާޓްމަންޓެއް ފުލުހުން ބަލައިފާސްކޮށް، ހައްޔަރުކުރި ހަ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 30 ދުވަސް ޖަހައިދީފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ އިތުރުން އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައެވެ.
ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، އެ މީހުން ތިބި އެޕާޓްމަންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާގެ އިތުރުން މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކުދި ކައްޓާ ވަނީ ފެނިފައެވެ.
ފުލުހުން ކޯޓުގައި ފާހަގަކުރި ގޮތުގައި އެ ތަނަކީ މަސްތުވާތަކެތި ވިއްކައި، އެތަނުގައި ތިބެގެން އެތަކެތި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ތަނެކެވެ. މީގެ އިތުރުން، އެ އެޕާޓްމަންޓުން ފެނުނު ބައެއް ފައިސާ ހުރީ މަސްތުވާތަކެއްޗާއެކު ރަބަރު ޕެކެޓުތަކަށް އަޅާފައި ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ހައްޔަރުކުރެވުނު ބައެއް މީހުންނަކީ އެ ތަނަށް ތަކުރާރުކޮށް ވަދެނިކުމެ އުޅޭ މީހުންކަން ހެކިބަހުން އެނގޭ ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ކޯޓުގައި ބުނެފައިވަނީ، އެ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެއްޗާ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށެވެ.
އެހެންނަމަވެސް، ފުލުހުންގެ ފަރާތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް ރިޢާޔަތްކުރުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ އެ ހަ މީހުން ވެސް 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބަން އަމުރުކޮށްފައެވެ.