ސިނާމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަމުންދިޔަ ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި އެ ސައިކަލު ކޮންޓްރޯލުން ނެއްޓި، މަގުމަތީގައި ޖަހާފައި ހުރި ބެރިކޭޑުތަކާއެކު ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ވަނީ ޖެހިފައެވެ. މި ހާދިސާގައި އެ އޮފިސަރުގެ މޫނުމައްޗަށާއި އަނގަމައްޗަށް ބޮޑެތި ޒަޚަމްތަކެއް ލިބި، ދަތްތައް ބިންދައިގެން ގޮސްފައިވާތީ މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ފުލުސް މީހާގެ ގައިގައި ޖެއްސި ސައިކަލުގައި ތިބި ދެމީހުންގެ އިތުރުން، މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި އިތުރު ތިން ސައިކަލުގައި ތިބި މީހުންގެ ތެރެއިން މި އަމަލުގައި ބައިވެރިވި ދެ މީހެކެވެ.