އިސްލާމީ ޤައުމުތަކުގެ އެއްބާރުލުމަށް އުފައްދާފައިވާ ޖަމްޢިއްޔާ (އޯއައިސީ) ގެ މެންބަރަކަށް ދިވެހިރާއްޖެ ވީތާ 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން އިތުރަށް ހަރުދަނާކޮށް، މެންބަރު ޤައުމުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން އަނެއްކާވެސް ގޮވާލައިފިއެވެ. ރާއްޖެއިން މިކަމަށް ގޮވާލެއްވީ އިރާޤުގެ ވެރިރަށް ބަޣުދާދުގައި މިހާރު ކުރިއަށްދާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޢިރުތިޝާމް ވަނީ، އޯއައިސީގެ މެންބަރެއްގެ ގޮތުގައި ފާއިތުވި ބައިޤަރުނު ދުވަހު ދިވެހިރާއްޖެއިން އަދާކޮށްފައިވާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވާފައެވެ. އަދި އިސްލާމީ އުންމަތުގެ ޙައްޤުތަކާއި މަސްލަޙަތު ރައްކާތެރިކުރުމަށާއި، ބައިބައިވުންތައް ނައްތާލައި އެއްބައިވަންތަކަން ޤާއިމުކުރުމަށްޓަކައި، އޯއައިސީ އަދި މެންބަރު ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހި ސަރުކާރު އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.
މީގެއިތުރުން، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެއްބައިވަންތަކަމާއި މަޝްވަރާގެ އުސޫލު އިސްކުރުމަކީ މި ދަނޑިވަޅުގައި ކޮންމެހެން ބޭނުންތެރި ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އަމާން، ޞުލްޙަވެރި މުޖުތަމަޢެއް ބިނާކުރެވޭނީ މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުން ޝާމިލުކޮށްގެން ކަމަށް ވިދާޅުވެ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވައި ޤައުމީ ޚިދުމަތުގެ އިސް ސަފަށް ނެރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު އެކަމަނާ ހިއްސާކުރެއްވިއެވެ.
ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޢިރުތިޝާމް ވިދާޅުވީ، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށެވެ. އެގޮތުން، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެ ދެގޮތެއްނުވެ ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ޢަދުލުވެރި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި މެންބަރު ހުރިހާ ޤައުމުތަކުން އިތުރަށް ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.