ޚަބަރު

” ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސީ މަގުމަތީގެ ސަލާމަތީ އޮޕަރޭޝަނަށް ހުރަސްއަޅަން ގަސްދުގައި: ސީޕީ “

” ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސީ މަގުމަތީގެ ސަލާމަތީ އޮޕަރޭޝަނަށް ހުރަސްއަޅަން ގަސްދުގައި: ސީޕީ “

ސިނަމާލެ ބްރިޖު ހައިވޭގައި ޤާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ވާޖިބު އަދާކުރަމުންދިޔަ ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެއްސީ، މަގުމަތީގެ އަމާންކަން ޤާއިމުކުރުމަށް ފުލުހުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަން ހުއްޓުވައި، ފުލުހުންގެ ހިތްވަރު އެލުވާލުމުގެ ނިޔަތުގައި ގަސްދުގައި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް، މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް އަމާޒުކޮށް، ފުލުހުން ޖަހާފައިވާ ބެރިކޭޑް ފޫއަޅުވާލުމަށްފަހު ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހިގެންނެވެ. ރޭ ފަތިހު 4:29 ހާއިރު ހިނގި މި ނުރައްކާތެރި ހާދިސާގައި އަނިޔާވި ފުލުސް އޮފިސަރަށް ލިބުނު ސީރިއަސް ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ނެރުއްވި ބަޔާނެއްގައި، މި ފިނޑި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައިވެއެވެ. އަދި ތަޙުޤީޤަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިއީ ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހުއްޓުވުމަށް ހިންގާ އޮޕަރޭޝަނަށް ގޮންޖަހައި، ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލުމަށް ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، މި ހާދިސާ ހިނގި ވަގުތު އިތުރު ތިން ސައިކަލެއްވެސް މި ޢަމަލުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ކޮމިޝަނަރު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނޫނީގޮތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި، ކުރިމަތިވާ އެއްވެސް ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުމަކަށް ފުލުހުން ފަސްނުޖެހޭނެ ކަމަށެވެ. އަދި މިފަދަ ހަމަލާތަކުން ފުލުހުންގެ މަސައްކަތްތައް ހުއްޓުވައިނުލެވޭނެ ކަމަށާއި، މަގުމަތީގެ އަމާންކަން ޤާއިމުކުރުމަށް ފަށާފައިވާ ޚާއްޞަ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ހަމައެއާއެކު، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހުރަސްއަޅައި މިފަދަ ނުރައްކާތެރި ޖަރީމާތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މާލެއާއި ހުޅުމާލޭގައި އާދަޔާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވާ މައްސަލަ ބޮޑުވެ، ޢާންމުންގެ ރައްކާތެރިކަމަށް ނުރައްކާވަމުންދާތީ، ޓްރެފިކް ބެލެހެއްޓުމުގެ އުޞޫލުތައް ހަރުދަނާކޮށް، އުޅަނދުތައް ޗެކްކުރުމުގެ މަސައްކަތް މި ދުވަސްވަރު ފުލުހުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top