ޚަބަރު

ބަނގުރާ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއް އަތުލައިގަތުމުގެ އޮޕަރޭޝަން: ދެ މީހަކު ދިން މައުލޫމާތާ ގުޅިގެން 53 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފި

ބަނގުރާ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއް އަތުލައިގަތުމުގެ އޮޕަރޭޝަން: ދެ މީހަކު ދިން މައުލޫމާތާ ގުޅިގެން 53 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަތުމާ ގުޅިގެން 53 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އާދިއްތަ ދުވަހުގެ ރޭ ފެށި މި އޮޕަރޭޝަން ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ކުރިއަށްގެންގޮސްފައިވާއިރު، ހ. މާދޫގޭގެ ފުރަތަމަ އަދި ފަސް ވަނަ ފަންގިފިލާ ފާސްކޮށް، ޖުމްލަ 826 ފުޅި ބަނގުރާ ވަނީ ހޯދައިފައެވެ.


މި މައްސަލައާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ މާލެ، ހ. ކަރޯގެ، އުމުރުން 53 އަހަރުގެ މުޙައްމަދު ރަޝްވާން ޢައްބާސްއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަޝްވާން ހައްޔަރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި ހުށަހެޅިފައިވާތީއެވެ. އެގޮތުން ބަނގުރަލުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހަކު ދިން މައުލޫމާތުގެ އަލީގައި، އޭނާއާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރިއިރު 800 އަށްވުރެ ގިނަ ބަނގުރާ ފުޅި ފެނިފައިވާކަން އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ބަނގުރާ ވިއްކުމުގެ ތުހުމަތުގައި ހުއްޓުވި ދެ މީހުންނަކީ ރަޝްވާންގެ މުވައްޒަފުން ކަމަށާއި، އެކަން ކުރަމުންދިޔައީ އޭނާގެ އެންގުމަށް ކަމަށް އެ ދެ މީހުން ބުނެފައިވާ ކަމަށްވެސް އައިއޯ ވިދާޅުވިއެވެ.
ނަމަވެސް، ރަޝްވާން ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އެ ތަން ބަލައި ފާސްކޮށްފައިވަނީ އޭނާގެ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއްގެ ޣައިރު ހާޒިރުގައި ކަމަށް ފާހަގަކޮށް، ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އޭނާގެ ފަރާތުން އެދުނެވެ. އެހެންނަމަވެސް، ކޯޓުން ނިންމީ އޭނާ ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށެވެ. އަދި އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. އެހެންކަމުން ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހަށެވެ.
މި އޮޕަރޭޝަނުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ އަލް އަމީން (34އ)، ޕޮލިން (43އ) އަދި އެމް.ޑީ. ރަކިބް ހޮސެން (25އ) އެވެ. މީގެ ތެރެއިން އަލް އަމީން އަދި ޕޮލިންގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފައިވާއިރު، އެމް.ޑީ. ރަކިބް ހޮސެންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނެޓްވޯކްތަކުގައި ޝާމިލުވާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ވަރުގަދަ އޮޕަރޭޝަންތަކެއް އަންނަނީ ހިންގަމުންނެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top