ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. އެގޮތުން މިއަދު މެންދުރުފަހު 13:15 އިން ފެށިގެން މިރޭ 19:00 އާ ހަމައަށް އެ ސަރަޙައްދަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެ އިދާރާއިން ވިދާޅުވީ، މި މުއްދަތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އާންމު ގޮތެއްގައި ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
Alert white for heavy rain and thunderstorms. pic.twitter.com/uoW8e7oQsA
— Maldives Meteorology (@MetMaldives) October 14, 2026
ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް އިއްޔެއިން ފެށިގެން މޫސުން ގޯސްވެފައިވާއިރު، އިއްޔެ ވެސް އެ ސަރަޙައްދަށް އޮތީ ހުދު ސަމާލު ނެރެފައެވެ. ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިރޭގެ ނިޔަލަށް އެ ސަރަޙައްދަށް ވިއްސާރަކުރާނެއެވެ.
މޫސުން ގޯސްވި ނަމަވެސް، މި ވަގުތުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.