ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ޤައުމީ ރަސްމީ ރިޒާވް ވަރުގަދަކުރުމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ހޯދުމަށް ދިވެހި ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށައިފިއެވެ. މި މަސައްކަތްތައް ހިންގަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ މަދުވުމުގެ ސަބަބުންނެވެ.
މި ހަފުތާގައި ތައިލެންޑުގެ ބެންކޮކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުމުގެ ކުރިން، ރޮއިޓާސް ނޫސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ މާލީ ވަޒީރު، ޙަސަން ޒަރީރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގު އުފުލިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ދައުލަތުން ތެލުގެ ސަބްސިޑީއަށް ކުރަމުންދާ ހަރަދު ތިން ގުނައަށް އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން، ކުރިން 7.1 އިންސައްތައިގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ބަޖެޓު ޑެފިސިޓް މިހާރު ނުވަ އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ހަކަތައިގެ ބޭނުންތަކަށް ބޭރު ޤައުމުތަކަށް ބަރޯސާވާ ޤައުމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވި ގޮތުގައި، ދައުލަތުގެ ހަރަދުތައް ކުޑަކޮށް މާލީ ހަމަޖެހުން ޤާއިމުކުރުމަށް ސަރުކާރުން އިސްލާހީ ގިނަ ފިޔަވަޅުތަކެއް އަޅަމުންދިޔަ ނަމަވެސް، ޤައުމުގެ އިޤްތިޞާދީ ދުވެލި ވަރުގަދަކުރުމަށް ބޭރުގެ މާލީ އެހީތެރިކަން ކޮންމެހެން ބޭނުންވެއެވެ. ޚާއްސަކޮށް، ރިޒާވްގައި ފައިސާ ބެހެއްޓުމަށްޓަކައި ޚާއްސަ މާލީ ފެސިލިޓީތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޙަސަން ޒަރީރު ވިދާޅުވިއެވެ.
ހަކަތައިގެ އަގު ބޮޑުވުމާއި ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން، މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން އެއ އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު މި ދުވެލި 3.8 އިންސައްތައަށް އަދި 2028 ވަނަ އަހަރު 6.8 އިންސައްތައަށް މަތިކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި އިޤްތިޞާދު ސިންދަފާތުކޮށް، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް 2028 ވަނަ އަހަރާ ހަމައަށް 33 އިންސައްތައަށް އިތުރުކުރުމަށް ވަނީ ރޭވިފައެވެ.
މި އަމާޒުތައް ޙާސިލުކުރުމަށް އެހީވުމުގެ ގޮތުން، ވޯލްޑް ބޭންކުން ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި 250 މިލިއަން ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި އިންޑިއާއާއެކު ވެފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ މި މަހު ރޯލްއޯވާ ކުރެވޭނެކަމަށް ވެސް ވަޒީރު ހާމަކުރެއްވިއެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި އަދާކުރުމަށް އަހަރަކު 300 އާއި 400 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށާއި، މި ފައިސާ ހަމަޖައްސާނީ ދައުލަތަށް ލިބޭ އާމްދަނީން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ރާއްޖެއަށް ދަތުރުކުރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ޤައުމީ އެއާލައިނަށް އިތުރު ބޯޓުތައް ލީސްކުރުމަށް ސަރުކާރުން ދަނީ ރާވަމުންނެވެ. އެގޮތުން ރާއްޖޭގެ މުހިންމު މާކެޓެއް ކަމަށްވާ އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް އިތުރުކުރުމަށާއި، ދުނިޔޭގެ އެހެން ހަތް އެއާލައިނަކާ ގުޅިގެން ރާއްޖެއަށް ދަތުރުތައް ފެށުމަށް މިހާރުވެސް ދަނީ މަޝްވަރާ ކުރެވެމުންނެވެ.