ލައިފްސްޓައިލް

ށ. އަތޮޅުގެ އިތުރު 3 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ށ. އަތޮޅުގެ އިތުރު 3 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން، ށ. އަތޮޅުގެ އިތުރު ތިން ރަށެއްގެ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. އަލަށް މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ އެ އަތޮޅު ނަރުދު އާއި، ޅައިމަގު އަދި މަރޮށީގައެވެ.

މި ތިން ރަށުގައި ލެބޯޓަރީގެ ޚިދުމަތް ފަށާފައިވަނީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޤީލާ ޢަލީ ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.އެގޮތުން، ޅައިމަގާއި މަރޮށީގައި އިއްޔެ މި ޚިދުމަތް ފަށާފައިވާއިރު، ނަރުދޫ ޞިއްޙީ މަރުކަޒުގެ ލެބޯޓަރީ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މިއަދު އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، ނަރުދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން ޞިއްޙީ މަރުކަޒުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، ވަޒީރު ވަނީ އަލަށް ޤާއިމުކުރެވުނު ލެބޯޓަރީ ބައްލަވާލައްވައި، މަރުކަޒުގެ މުވައްޒަފުންނާއި ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުގެ ދަށުން، މިހާތަނަށް މި ޚިދުމަތް ލިބެން ނެތް 76 ރަށެއްގައި ލެބޯޓަރީ ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދަމުންނެވެ. ނަރުދޫގައި ފެށުނު ޚިދުމަތަކީ މި ސަރުކާރުން އަތޮޅުތަކުގައި ފެށި 21 ވަނަ ލެބޯޓަރީގެ ޚިދުމަތެވެ.

މީގެ ކުރިން ނަރުދޫގެ އިތުރުން މިފަދަ ކުދި އާބާދީތައް ހިމެނޭ ރަށްރަށުގެ ރައްޔިތުން، އާދައިގެ ލޭގެ ޓެސްޓެއް ހެދުމަށް ވެސް ކަނޑުދަތުރުކޮށްފައި އެހެން ރަށްރަށަށް ދާންޖެހުމުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނެވެ. ނަމަވެސް، ރަށުގެ ޞިއްޙީ މަރުކަޒުން މި ޚިދުމަތް ލިބެން ފެށުމާއެކު، ރައްޔިތުންނަށް ފަސޭހަކަމާއެކު އަސާސީ ޓެސްޓުތައް ހެދުމުގެ މަގު ފަހިވެ، އެކަމަށް ދާއިމީ ލުޔެއް ވަނީ ލިބިފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top