ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ފުޅާކޮށް، ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން، ހއ. ބާރަށާއި ހއ. ތުރާކުނުގެ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ޖުމްލަ 21.46 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ރެކްރިއޭޝަންގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ޝުޖާޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބާރަށު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 13.64 މިލިއަން ރުފިޔާއަށް، 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ޓާފް އެޅުމާއި، ޒަމާނީ ފެންވަރުގެ ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުމުގެ އިތުރުން، ދަނޑުގެ ވަށާފާރާއި ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މީގެއިތުރުން، ތުރާކުނު ފުޓްބޯޅަ ދަނޑު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 7.82 މިލިއަން ރުފިޔާއަށް، 250 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ލައިޓިންގ ސިސްޓަމް އައުކުރުމާއި، ރޮސްޓްރަމް ޢިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.