ރައީސް

ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ކުރެވޭ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ހާއްސަ އިސްކަމެއް ދެނީ: ރައީސް

ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ކުރެވޭ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ހާއްސަ އިސްކަމެއް ދެނީ: ރައީސް

ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތްތަކަށް އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގައެވެ.

އެ މަނިކުފާނުގެ މެސެޖުގައި، ރައްޔިތުންނަށް ރައްކާތެރި، ސިއްހަތަށް ފައިދާހުރި، އަދި ހެޔޮއަގުގައި ކާބޯތަކެތި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އީޖާދީ އަދި ދެމެހެއްޓެނިވި ހަރުދަނާ ނިޒާމުތަކެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، މިއަހަރުގެ ޝިއާރު ކަމަށްވާ” އީޖާދީ މަސައްކަތުން މިއަދު – ފައިދާހުރި މާދަމައަކަށް “މިއީ، މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކާއި ކުރާ އިންވެސްޓްމަންޓްތަކަކީ އަންނަން އޮތް ޖީލުތަކުގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބިންގާކަން ހަނދާންކޮށްދޭ މުހިންމު ފަލްސަފާއެއް ކަމަށް ވިދާޅުވިއެވެ. އަދި ޒަމާނީ އީޖާދުތަކުގެ އެހީގައި ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކޮށް، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށްގެން ކާނާގެ ޔަގީންކަން ގާއިމުކުރެވިއްޖެނަމަ، ދުޅަހެޔޮ އަދި އުއްމީދީ މުސްތަގުބަލެއް ކަށަވަރުކުރެވޭނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ކާބޯތަކެތީގެ ސަޕްލައި ޗެއިން ހަރުދަނާކޮށް، އުފެއްދުންތެރިންނަށް ފަހި މާކެޓެއް ހޯދައިދިނުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އައު އީޖާދުތަކާއެކު ދިވެހިންގެ ތަޖުރިބާގެ ބޭނުން ހިފައި، އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރެވިއްޖެނަމަ ރާއްޖޭގެ ކާބޯތަކެތީގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް ބަޔާންކުރެއްވިއެވެ.

ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގައުމީ ފެންވަރުގެ ޒިންމާއެއްކަން ހަނދާންކޮށްދެއްވަމުން، ދަނޑުވެރިންނާއި މަސްވެރިންނަށް އެއްބާރުލުން ދިނުމުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، މަސްވެރިންނާއި ދަނޑުވެރިންނަކީ ފުދުންތެރި ބަޔަކަށް ހަދައި، ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމާއެކު، ކޮންމެ ދިވެހި އާއިލާއަކަށް ވެސް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ އަމާން އަދި އުފާވެރި މުސްތަގުބަލެއް ބިނާކުރުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވަމުންނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top