މި ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ އަންހެންކުދިންނާއި ޒުވާން އަންހެނުން މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެންކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެ ކުދިން ބާރުވެރިކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެ ފުރިހަމައަށް ބައިވެރިވާކަން ހާމަކުރެއްވިއެވެ. އަދި އަމާން، ރައްކާތެރި މާހައުލެއްގެ ތެރެއިން ގައުމީ ތަރައްގީގައި އަންހެނުންނަށް މާނަހުރި ދައުރެއް އަދާކުރެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި، ކަމާގުޅޭ ހަރުދަނާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، މި ލަނޑުދަނޑިތައް ހާސިލުކުރެވޭނީ އާއިލާތަކާއި، މުޖުތަމައު އަދި ކަމާގުޅުންހުރި އެންމެހައި ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތުންކަން ފާހަގަކުރައްވަމުން، މިއަދު އަންހެން ދަރިން ބިނާކުރުމަށް ކުރެވޭ އިންވެސްޓްމަންޓަކީ މާދަމާގެ ހަމަހަމަ، ފާގަތި އަދި އުޖާލާ މުސްތަގުބަލަކަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.
ބައިނަލްއަގުވާމީ އަންހެންކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހެވެ. މި އަހަރުގެ މި ދުވަހަށް ކަނޑައަޅާ ޝިޢަރަކީ” އެންޑިން ޗައިލްޑް މެރޭޖް އެންޑް އިންވެސްޓިން އިން ގާލްސް ރައިޓްސް “އެވެ.