ދިވެހި ސިނަމާގައި ކާމިޔާބު ލޯބީގެ ފިލްމުތައް ގެނެސްދީފައިވާ ކުޅަދާނަ ޕްރޮޑިއުސަރ ފާޠިމަތު ނަހުލާގެ އާ ފިލްމު “މަޖުނޫން” ގެ ރަސްމީ ޕޯސްޓަރާއި ފަސްޓްލުކް ދައްކާލައިފިއެވެ.
ސޯލްޓް ކެފޭގެ ރޫފްޓޮޕްގައި ބޭއްވި މި ޚާއްޞަ ޙަފްލާގައި، ފިލްމީ ދާއިރާގެ ގިނަ ފަންނާނުންނާއި ސޯޝަލް މީޑިއާގެ ނުފޫޒުގަދަ ފަރާތްތަކުން (އިންފްލުއެންސަރުން) ބައިވެރިވިއެވެ. ކްރިސްޓަލް އެންޓަޓެއިންމަންޓްގެ 7 ވަނަ ފީޗަރ ފިލްމު “މަޖުނޫން” ގެ ރަސްމީ ޕޯސްޓަރު ނެރެދެއްވީ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ނިޢުމާ މުޙައްމަދާއި ޝީލާ ނަޖީބެވެ. އަދި ފިލްމުގެ ފަސްޓްލުކް ޓީޒަރ ނެރެދެއްވީ ކުޅަދާނަ ބަތަލާ ޢާއިޝަތު ޝިރާނީއެވެ.
މި ޙަފްލާގައި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު މުޙައްމަދު ފައިޞަލްކަން ވަނީ ރަސްމީކޮށް އިޢުލާންކޮށްފައެވެ. ރ. ފައިނުގައި މަންޒަރުތައް ނަގާފައިވާ މި ފިލްމު ރިލީޒްކުރުމަށް ތާވަލުކޮށްފައިވަނީ 26 އޮކްޓޯބަރު 2026 ގައެވެ.
ފިލްމުގެ ލީޑު ރޯލުން ޝާރިފް އަދި ޝިފާ ފެނިގެންދާއިރު، ލާލީ އަދި އެވްލީގެ ތަފާތު ހުނަރުތަކެއް މި ފިލްމުން ފެނިގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އަޙްމަދު ޢީސާ (އާނަންދު)، ވާޝިޔާ އަދި ޢަލީ އާޒިމް (ދޮންއައްޔަ)ގެ އިތުރުން ސާމީ ވެސް މުހިންމު ރޯލުތަކުން މި ފިލްމުގައި ހަރަކާތްތެރިވާނެއެވެ.
މި ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރަކީ މަޝްހޫރު ތަރި މުޙައްމަދު މަނިކެވެ. ޙަފްލާގައި ވާހަކަދައްކަވަމުން ފިލްމުގެ ޕްރޮޑިއުސަރ ނަހުލާ ފާހަގަކުރެއްވި ގޮތުގައި، މަނިކުގެ ބުރަ މަސައްކަތާއި އެއްބާރުލުން ނެތްނަމަ މި ފިލްމު ވުޖޫދަކަށް ނައީހެވެ.