ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ.
މިއީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދަޢުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންނާއި ޗީފް އޮފް ޕްރޮޓޮކޯލް ވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީއާއި ބޮޑުވަޒީރު ޝެހެބާޒް ޝަރީފާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާއި ސަރުކާރުގެ އިސް ވަޒީރުންނާ ވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. އަދި ޕާކިސްތާނުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ބައްދަލުކުރެއްވުމަށް ވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.
ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އިޤްތިޞާދީ، ޞިއްޙީ، ތަޢުލީމީ، އަސްކަރީ، ފަތުރުވެރިކަން އަދި މަދަނީ އުދުހުންތަކާ ބެހޭ ދާއިރާތަކުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ހިމެނޭހެން 300 އަށްވުރެ ގިނަ ފަރާތްތަކާއެކު ޚާއްޞަ ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިއީ ވޭތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުގެ ވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ރާއްޖެއިން އިސްކަންދޭ ޚާރިޖީ ސިޔާސަތުގެ ދަށުން އަވައްޓެރި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ރައީސް މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ. އެހެންކަމުން މިއަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބަތެކެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top