ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްއޮތް އަންގާރަ ދުވަހު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި މުހިންމު 12 އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޕާކިސްތާނުގެ ފޮރިން އޮފީހާ ޙަވާލާދީ އެ ޤައުމުގެ” ދަ އިންޓަރނޭޝަނަލް ނިއުސް ޕާކިސްތާން “(ދަ ނިއުސް.ޕީކޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ ވެރިއަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެހެންކަމުން، ރައީސް މުޢިއްޒުގެ މި ދަތުރުފުޅަށް އެ ޤައުމުން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ތައްޔާރުވަމުންނެވެ. މި ދަތުރުފުޅުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤު ދާރު ވަނީ ޚާއްޞަ މަތީ ފަންތީގެ ބައްދަލުވުމެއް ބާއްވަވާފައެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙަތު، ތަޢުލީމު، މޫސުމަށް އަންނަ ބަދަލުތައް، ފަތުރުވެރިކަން އަދި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެޖެންޑާއާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފާއި، ރައީސް އާޞިފް ޢަލީ ޒަރްދާރީއާ ވަކިވަކިން ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ ތެރޭގައި؛ އިޤްތިޞާދީ، ޞިއްޙީ، ތަޢުލީމީ، ތިމާވެށީގެ، ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ އިތުރުން، ދިފާޢީ އަދި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.
މީގެއިތުރުން، ދެކުނު އޭޝިއާގެ ސަރަޙައްދީ އެއްބާރުލުމުގެ ޖަމްޢިއްޔާ (ސާކް) ގެ ޙަރަކާތްތައް އަލުން އިޢާދަކޮށް، ދިރުވުމާ ގުޅޭގޮތުން ވެސް ދެ ޤައުމުގެ ވެރިންގެ މެދުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.