ރައީސް

އަމާޒަކީ އެތެރެކުރާ މިންވަރު މަދުކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތަކާއެކު ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުން: ރައީސުލްޖުމްހޫރިއްޔާ

އަމާޒަކީ އެތެރެކުރާ މިންވަރު މަދުކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތަކާއެކު ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުން: ރައީސުލްޖުމްހޫރިއްޔާ

ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ބޭރުން ކާބޯތަކެތި އެތެރެކުރުމަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ޒަމާނީ އުސޫލުތައް ބޭނުންކޮށްގެން ރާއްޖޭގެ ފަސްގަނޑުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އުފެއްދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ޚާއްޞަ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިޤްތިޞާދު ސިންދަފާތު ކުރުމުގައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ މުހިންމު ދައުރު ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށާއި، ދަނޑުވެރި ޢާއިލާތަކަށް އަދި މި ޞިނާޢަތުގައި ޙަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް އެމަނިކުފާނު ވަނީ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

އަމިއްލަ ފަސްގަނޑުގައި ކާބޯތަކެތި އުފެއްދުމަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލާ ސީދާ ގުޅިފައިވާ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާއި، ދަތުރުފަތުރަށް ކުރިމަތިވާ ގޮންޖެހުންތަކުން ޤައުމު ސަލާމަތްކުރެވޭނީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރެވިގެން ކަމަށެވެ. މީގެއިތުރުން، މި ޞިނާޢަތު ފުޅާކުރުމަކީ ޤައުމުން ބޭރުވާ ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި އިތުރު ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ވިސްނުމަކީ ކަނޑައެޅޭ މުހިންމު ބާވަތްތައް އިމްޕޯޓްކުރަން ނުޖެހޭ މިންވަރަށް ރާއްޖޭގައި އުފައްދައި، މާކެޓަށް ނެރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންގެ އާމްދަނީ އާއި ނަފާ އިތުރުކުރެވޭނެ ދެމެހެއްޓެނިވި މަގުތައް ފަހިކޮށްދިނުމުގައި ސަރުކާރުން ދެގޮތެއްނުވެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
ރާއްޖޭގައި ޤައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުގައެވެ. ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް މި ދުވަސް ފާހަގަކުރަމުން އަންނައިރު، މިއަހަރު މި ފާހަގަކުރަނީ 17 ވަނަ ޤައުމީ ދަނޑުވެރިންގެ ދުވަހެވެ. މި އަހަރުގެ ދަނޑުވެރިންގެ ދުވަހަށް ޚާއްޞަކޮށްފައިވާ ޝިޢާރަކީ” އީޖާދުން، މާދަމާގެ ދިރުން “މިއެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top