މަޝްހޫރު ޑްރާމާ ސިލްސިލާ” ބްރޭކިންގ ބޭޑް “ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވޯލްޓަރ ވައިޓްގެ ދަރިފުޅުގެ ރޯލުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އެމެރިކާގެ އެކްޓަރު އާރް.ޖޭ މިޓީ، އުމުރުން 34 އަހަރުގައި ނިޔާވެއްޖެއެވެ.
ބީބީސީއަށް މައުލޫމާތު ދެމުން އޭނާގެ މަންދޫބަކު ބުނެފައިވަނީ،” އާންމުންގެ ލޯބިލިބިފައިވާ އެކްޓަރު، ދީލަތި އެހީތެރިޔާ، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރި އާރް.ޖޭ މިޓީ ވަކިވެދިޔަ ހިތާމަވެރި ޚަބަރު ހިއްސާކުރަނީ ފުން ހިތާމަޔާއެކު “ކަމަށެވެ.
އޭނާ ނިޔާވި ސީދާ ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ސެރެބްރަލް ޕަލްސީ ތަހައްމަލުކުރަމުންދިޔަ މިޓީ، ބްރަޔަން ކްރެންސްޓަންއާއެކު ކުޅުނު އެމީ އެވޯޑް ހާސިލްކޮށްފައިވާ ސިލްސިލާގައި އޭނާގެ ރޯލު އަދާކޮށްފައިވަނީ އަމިއްލަ ތަޖުރިބާތަކުގެ އަލީގައެވެ. މި ސިލްސިލާގައި އޭނާ ދެއްކި ހުނަރުވެރިކަމަށް “ސްކްރީން އެކްޓަރސް ގިލްޑް އެވޯޑް” ލިބިފައިވެއެވެ.