ބޭރު ދުނިޔެ

ސައުދީގެ މައި އެއާޕޯޓަށް ދިން ވަރުގަދަ ހަމަލާއެއްގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ސައުދީގެ މައި އެއާޕޯޓަށް ދިން ވަރުގަދަ ހަމަލާއެއްގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ސައުދީގެ މައި އެއާޕޯޓަށް ދިން ވަރުގަދަ ހަމަލާއެއްގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ އަމާޒުވި ނުރައްކާތެރި ހަމަލާއެއްގައި 12 މީހުންގެ ފުރާނަ ގެއްލި، 309 މީހުން ޒަޚަމްވެއްޖެއެވެ.
ސައުދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސައުދީގެ ހަތަރު ރައްޔިތުންނާއި ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްތީނު، ސީރިއާ، ސޫދާން އަދި މިސްރުގެ ރައްޔިތުން ހިމެނެއެވެ. މި ހަމަލާއާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، މިއީ 2015 ވަނަ އަހަރުގެ މެއި މަހަށްފަހު އެ ގައުމަށް އަމާޒުވި މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ. އަދި މިއީ ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހޫޘީން އެ އެއާޕޯޓަށް ދިން ތިންވަނަ ހަމަލާ ވެސް މެއެވެ.
އޮތޯރިޓީން ނެރުނު ބަޔާނުގައި ވާގޮތުން، އަނިޔާވި 309 މީހުންނަށް އެކި ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނައިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސްއެވެ. އަދި ހަމަލާގެ ސަބަބުން އެއާޕޯޓަށް ލިބުނު މާއްދީ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
މީގެއިތުރުން، ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ހާމަކުރި ގޮތުގައި، އެ ގައުމުގެ އިރުމަތީގައި އޮންނަ ދައްމާމްގެ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓު ކައިރިއަށް ވެސް އިއްޔެ ވަނީ މިސައިލެއް (ޕްރޮޖެކްޓައިލްއެއް) ވެއްޓިފައެވެ.
ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލްމާލިކީ ފަހުން ވިދާޅުވީ، ފަސިންޖަރުންގެ ޓާމިނަލަކަށް އަމާޒުކޮށް ދިން މި ހަމަލާގައި އާންމުންނަށާއި އެއާޕޯޓުގެ މުވައްޒަފުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މިއީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ތުހުމަތުކުރެއްވީ، މީގެ ފަހަތުގައި ތިބީ ޔަމަންގެ ހޫޘީ ހަނގުރާމަވެރިން ކަމަށެވެ. އަދި މި އަމަލަށް އެކަށޭނަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
މި ހާދިސާއާ ގުޅިގެން ގަލްފު ސަރަހައްދުގެ ގިނަ އެއާލައިންތަކުން ވަނީ ރިޔާޟަށް ކުރަން ހަމަޖެހިފައި ހުރި ދަތުރުތައް ވަގުތުން ކެންސަލްކޮށްފައެވެ. އެގޮތުން ކުވައިތު އެއާވޭސްއިން ބުނީ ދަތުރުތައް ހުއްޓާލީ އެއާޕޯޓުގެ ސަލާމަތީ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. ފްލައިޓްރާޑާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރިޔާޟަށް ދަތުރުކުރި ހުރިހާ ފްލައިޓެއް ވަނީ އެހެން މަންޒިލްތަކަށް ބަދަލުކޮށް ނުވަތަ ކެންސަލްކޮށްފައެވެ. ހަމައެއާއެކު، ސައުދީގައި ހުންނަ ހުޅަނގުގެ ގައުމުތަކުގެ އެމްބަސީތަކުން ވަނީ އެ ގައުމުތަކުގެ ރައްޔިތުން އެއާޕޯޓު ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ހާދިސާގައި އެމެރިކާގެ ރައްޔިތަކު މަރުވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
ހޫޘީންނާ ދެކޮޅަށް ސައުދީން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކުގައި އެމެރިކާއިން ބައިވެރިވެދާނެތޯ ނޫސްވެރިން ސުވާލުކުރުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެއީ ވެދާނެ ކަމެއް ކަމަށެވެ.
” އަޅުގަނޑުމެން މިކަމާ މެދު ވިސްނާނަން. އެންމެ ފަހުގެ ހަމަލާގެ މައުލޫމާތު އަދި ކިރިޔާ މި ލިބުނީ. އެހެންކަމުން ގޮތެއް ނިންމައި، ވަރަށް އަވަހަށް ފިޔަވަޅު އަޅާނަން، “ޓްރަމްޕް ވިދާޅުވިއެވެ.
އިއްޔެގެ ހަމަލާގެ އިތުރުން، އީރާނުގެ ވާގިވެރިކަން ލިބޭ ހޫޘީން ރިޔާޟު އެއާޕޯޓަށް ދިން އެހެން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ސައުދީގެ ތިން މީހަކު މަރުވެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ. އަދި މިދިޔަ ހަފުތާގައި އެ ގައުމުގެ އިތުރު ދެ އެއާޕޯޓަކަށް އަމާޒުވި ހަމަލާތަކުގައި ވެސް ތިން މީހަކު ވަނީ މަރުވެފައެވެ.
ޔަމަންގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް އޮންނަ ހޫޘީންނާއި، ސައުދީގެ ތާއީދު ލިބިފައިވާ ޔަމަން ސަރުކާރުގެ ފައުޖުތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ.
ސައުދީ އިސްވެ އޮންނަ އަރަބި އިއްތިހާދު އުފެއްދީ 2015 ވަނަ އަހަރު، ޔަމަންގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޝަރުއީ ސަރުކާރު ވައްޓާލައި ހޫޘީން ވެރިކަމަށް އައުން ހުއްޓުވުމަށެވެ. މި ހަނގުރާމައިގެ ސަބަބުން އެތައް ލައްކަ ބައެއްގެ ފުރާނަ ގެއްލި، ދުނިޔޭގެ އެންމެ ބޮޑު އެއް އިންސާނީ ކާރިސާ ކުރިމަތިވިއެވެ. އެއަށްފަހު 2022 ވަނަ އަހަރު ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، މި އަހަރުގެ ޖުލައި މަހުން ފެށިގެން އެ އެއްބަސްވުން ވަނީ ބަލިކަށިވެ، އަލުން ހަމަނުޖެހުންތައް އުފެދެން ފަށާފައެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top