ނައިޖީރިއާގެ އަސްކަރިއްޔާގެ މަތިންދާބޯޓެއް ވެއްޓި، އޭގައި ތިބި 32 މީހުން މަރުވެއްޖެއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ދެކުނުގައި އޮންނަ އޮންޑޯ ސްޓޭޓްގެ އިގްބޮކޯޑާގައި ހުންނަ ކަނޑުގެ ސިފައިންގެ މަރުކަޒެއް ކައިރިއަށެވެ. އެއީ ތެޔޮ އުފައްދާ މައި ސަރަހައްދެއް ކަމުގައިވާ އިލާޖޭ ލޯކަލް ގަވާމަންޓް އޭރިއާއެވެ.
ނައިޖީރިއާގެ އޭވިއޭޝަން މިނިސްޓަރު ފެސްޓަސް ކެޔާމޯ މައުލޫމާތު ދެއްވި ގޮތުގައި، ވެއްޓިފައިވަނީ އޭޓީއާރް-42 މަރުކާގެ މަތިންދާބޯޓެކެވެ. މި ބޯޓު ވެއްޓުނު ވަގުތު އޭގައި 25 ފަސިންޖަރުންނާއި ފަޅުވެރިންގެ ގޮތުގައި 7 މީހުން ހިމެނޭހެން ޖުމްލަ 32 މީހުން ތިއްބެވެ.
އެ ގައުމުގެ ވައިގެ ސިފައިންގެ ތަރުޖަމާނު އެހިމެން އެޖޮޑަމޭ ވިދާޅުވީ، މިއީ ބެނިން ސިޓީން ފުރައިގެން އިގްތިސާދީ މައި މަރުކަޒު ކަމަށްވާ ލާގޯސްއަށް ދަތުރުކުރި އާންމު ފްލައިޓެކެވެ. ކޯލް ސައިން” އެންޖީއާރް 931 “ދީފައިވާ މި ބޯޓާ ގުޅުން ކެނޑިފައިވަނީ ހެނދުނު 9:13 ހާއިރު ކަމަށާއި، ރޭޑިއޯ މެދުވެރިކޮށް ބޯޓާ ގުޅުމަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވެފައި ނުވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބޯޓު ވެއްޓުނު ސަރަހައްދުން އޭގެ ބައިތައް ފެނިފައިވާއިރު، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޖޮޑަމޭ ވަނީ ވިދާޅުވެފައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކޯރެއްގެ އައްސޭރިއަށް ގިނަ އަދަދެއްގެ އާންމުން އެއްވެފައިވާއިރު، ސަލާމަތީ ޓީމުތަކުން ދަނީ ކުދި ބޯޓުފަހަރު ބޭނުންކޮށްގެން އެ ސަރަހައްދު ބަލައި ފާސްކުރަމުންނެވެ. ހާދިސާ ދުށް މަންޒަރު ހެކިވެރިއަކާ ހަވާލާދީ އޭޕީ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓު ވެއްޓުމުގެ ކުރިން ގުގުރީގެ އަޑުފަދަ ބާރުގަދަ އަޑެއް އިވިގެންދިޔައެވެ.
މި ހާދިސާއާ ގުޅިގެން ނައިޖީރިއާގެ ރައީސް ބޯލާ ޓިނޫބޫ ނެރުއްވި ބަޔާނެއްގައި، ބޯޓުން ދަތުރުކުރި އެންމެން މަރުވެފައިވާކަން ކަށަވަރުކޮށްދެއްވިއެވެ. އަދި މަރުވި ފަރާތްތަކުގެ އާއިލާތަކަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވައި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުރިހަމަ ތަހުގީގެއް ހިންގުމަށް އެމަނިކުފާނު ވަނީ އަމުރުކުރައްވާފައެވެ.
އަސްކަރީ މަތިންދާބޯޓުތައް ބެލެހެއްޓުމަކީ އޭވިއޭޝަން މިނިސްޓްރީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވި ނަމަވެސް، މި ހާދިސާއާ ގުޅިގެން ހިންގާ ހުރިހާ އޮޕަރޭޝަންތަކަކަށް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރު ކެޔާމޯ ވަނީ ދެއްވާފައެވެ.