ބޭރު ދުނިޔެ

އަނބިކަނބަލުން އަވަހާރަވިތާ ދެ ދުވަސް ފަހުން، ޑރ. މަހާތީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

އަނބިކަނބަލުން އަވަހާރަވިތާ ދެ ދުވަސް ފަހުން، ޑރ. މަހާތީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުގެ ސިއްހީ ހާލުކޮޅު ބެއްލެވުމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ދަރިކަލުން ތަން ސްރީ މޮހްޒަނީ މަހާތީރު ކަށަވަރުކޮށްދެއްވައިފިއެވެ.

އުމުރުފުޅުން 101 އަހަރުގެ މަހާތީރު، މެލޭޝިއާގެ ނޭޝަނަލް ހާޓް އިންސްޓިޓިއުޓް (އައިޖޭއެން) ގައި އެޑްމިޓްކުރެއްވީ ރޭގެ ވަގުތެއްގައެވެ. މަހާތީރު އެޑްމިޓްކުރައްވާފައި މިވަނީ، އެމަނިކުފާނާ އެކު 70 އަހަރު ވަންދެން ކައިވެނި ބައްލަވައިގެން އުޅުއްވި އަނބިކަނބަލުން ސިއްތި ހަސްމާ މުހައްމަދު އަލީ، ހަމަ އެ ހޮސްޕިޓަލުގައި އަވަހާރަވިތާ ދެ ދުވަސް ފަހުންނެވެ.

މަހާތީރުގެ ދަރިކަލުން މޮހްޒަނީ ވިދާޅުވީ، މަންމާފުޅު އަވަހާރަވުމާ ގުޅިގެން ވޭތުވެދިޔަ ދެ ދުވަހަކީ ބައްޕާފުޅަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް ބޮޑު ހިތާމައަކާއި ހާސްކަމެއް ކުރިމަތިވި ދުވަސްތަކެއް ކަމަށެވެ. އެހެންނަމަވެސް، މިވަގުތު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ އެހީތެރިޔާ ސޫފީ ޔޫސުފް ވިދާޅުވި ގޮތުގައި، ފަހަކަށް އައިސް މަހާތީރުގެ ސިއްހީ ހާލުކޮޅު ދަށްވެ، އެކި ފަހަރު މަތިން ވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައެވެ.

އެގޮތުން މިދިޔަ ޖެނުއަރީ މަހު ގޭތެރެއަށް ވެއްޓިވަޑައިގެން އުނަގަނޑުގެ ކަށިގަނޑެއް ބިނދިގެން ތިން ހަފުތާ ވަންދެން ފަރުވާ ހޯއްދަވާފައިވެއެވެ. އަދި އުމުރުފުޅުގެ ގޮތުން ސާޖަރީ ހެދެން ނެތުމުގެ ސަބަބުން މިހާރު އެމަނިކުފާނު އުޅުއްވަނީ ފުރޮޅުލީ ގޮނޑީގައެވެ. މީގެއިތުރުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވާފައިވާއިރު، 1989 އަދި 2007 ގައި ހިތުގެ ބައިޕާސް ސާޖަރީތަކެއް ވެސް ވަނީ ހައްދަވާފައެވެ.

ޑރ. މަހާތީރަކީ 1981 އިން 2003 އަށް އަދި ފަހުން 2018 އިން 2020 އަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވި، ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ތަޖުރިބާކާރު އަދި ނުފޫޒުގަދަ އެއް ލީޑަރެވެ. އެމަނިކުފާނުގެ ވެރިކަމުގައި މެލޭޝިއާގެ އިގުތިސާދު ވަރުގަދަކޮށް، ސިނާއީ ގޮތުން އެ ގައުމަށް ވަނީ ތާރީޚީ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top